ސަލާމަތީ ގުޅުން ބަދަހިކުރުމަށް އިންޑިއާ އާއެކު މަޝްވަރާކޮށްފި

2 months ago

އަފްރާހް

ރާއްޖޭގެ ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން އިންޑިއާ އާއެކު މަޝްވަރާކޮށްފިއެވެ.


މިކން ހާމަކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާއި ބައްދަލުކުރެއްވުމަށްފަހު، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ވެސް މިނިސްޓަރ ޣައްސާންއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ސަރަހައްދީ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ދެގައުމުގެ މެދުގައި އޮތް ޝައުގުވެރިކަމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.


ޑރ. ޖައިޝަންކަރުގެ ރާއްޖެއަށް ވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރުގެ ދައުވަތަކަށެވެ. އެމަނިކުފާނު މި މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ހޭދަކުރައްވާނެއެވެ.


މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ފޮރިން މިނިސްޓަރު މުސާ ޒަމީރު އާއި ބައްދަލުކުރައްވާ ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުތައް ނިންމައި، އިންޑިއާ ސަރުކާރުން ވަނީ ރާއްޖެ އާއި ހަވާލުކޮށްފައެވެ.


މީގެއިތުރުން އެގައުމުން ރާއްޖެގައި ކުރިއަށް ގެންދިޔަ 6 މަޝްރޫއެއްގެ ނިމުން ފާހަގަކޮށްފައިވާއިރު، ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމަށް އަވަށްޓެރި އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ އައުކޮށްފައެވެ. އަދި ވިޔަފާރީގެ ގޮތުން ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު