ހަރަދު ކުޑަ ކުރުމަށް ލީޑަރޝިޕްގެ ސްޓްރަކްޗަރ ހަރުދަނާކުރުމަށް ނާޒިމް އިލްތިމާސް ކުރައްވައިފި

2 months ago

އަފްރާހް

މަރުކަޒީ ބޭންކު، އެމްއެމްއޭ އަށް 5 މެނޭޖިންގ ޑިރެކްޓަރުން ނެގުމަށް މިއީ އެންމެރަނގަޅު ވަގުތު ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކަނާލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ އެމްއެމްއޭ އަށް 5 އެމްޑީން ހޯދުމަށް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި އެމްއެމްއޭ އަށް 5 މެނޭޖިންގ ޑިރެކްޓަރުން ނެގުމަކީ މާލީ ބުރައެއް ކަމަށެވެ. އަދި ހަރަދު ކުޑަ ކުރުމަށް ލީޑަރޝިޕްގެ ސްޓްރަކްޗަރ ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް، ނާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.


އެމްއެމްއޭ އިން ވަނީ އެ އިދާރާގެ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް، ހުނަރުވެރި ގާބިލް އަދި އިހްލާސްތެރިކަމާ އެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ކަމަށް ބުނެ މި ހިނގާ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އިއުލާނު ކުރައްވާފައެވެ.


އެމްޑީން އައްޔަންކުރާ ފަސް ދާއިރާ އަކީ މަނިޓަރީ ޕޮލިސީ، ރިސަރޗް އެންޑް ސްޓެޓިސްޓިކްސް، ފައިނޭންޝަލް ސްޓެބިލިޓީ، ބޭންކިންގ އޮޕަރޭޝަންސް އާއި ކޯޕޮރޭޓް ސަވިސަސް އަދި ފައިނޭންޝަލް ސެކްޓަރ ޑިވަލަޕްމަންޓެވެ. މި ފަސް މަގާމުގެ ވެސް މުސާރަ އާއި އިނާޔަތަކީ 50,000 ރުފިޔާއާއި 55,000 ރުފިޔާގެ އަދަދެއް ކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ.


މި މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރު ކަމަށާއި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތްކުރާ މީހުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ވެއެވެ.


އެމްއެމްއޭގެ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ ބޭނުމުގައި އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެންނަން ނިންމެވީ އައު ގަވަރުނަރު އަހުމަދު މުނައްވަރެވެ.


އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމަށް އެމްއެމްއޭގެ ބޯޑުން ފާސްކޮށްފައިވާއިރު، މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު