ބޮޑު ހަރަދުކޮށްގެން ސަރުކާރުން މަގުތައް ތަރައްގީ ކުރަނީ ރޭސް ޖަހާކަށް ނޫން: ސީޕީ

2 months ago

އަފްރާހް

ބޮޑު ހަރަދުކޮށްގެން ސަރުކާރުން މަގުތައް ހަދަނީ ރޭސް ޖަހާން ނޫން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.


ސީޕީ މިފަދައިން ވިދާޅުވީ ފުވައްމުލަކު ސްކޫލުގައި ބޭއްވި ސްކޫލް ޓްރެފިކް މޮނިޓަރުންގެ 100 ވަނަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


ސީޕީ ޝުޖާއު ވިދާޅުވީ ބޮޑު ހަރަދުކޮށްގެން ޒަމާނީ ފެންވަރަށް، ސަރުކާރުން މަގުތައް ތަރައްގީކުރަނީ މަގު ބޭނުންކުރާ ފަރާތްތަކަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ފަސޭހަކުރުމަށް ކަމަށެވެ. އަދި އެއީ މަގުމަތީގައި ރޭސް ޖަހަން ނޫން ކަމަށެވެ.


މީގެއިތުރުން ބަލައިނުލައި ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަކީ މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް ދުއްވާ ފަރާތްތަކަށް ފިޔަވަޅު އެޅޭކަން ފާހަގަކުރައްވައި، އުޅަނދުތައް ޓޯކުރެވި، އެކްސިޑެންޓްތަކުގެ މައްސަލަތައް ބަލައި، ގެއްލުމުގެ ބަދަލު ހޯދައިދެވޭކަން ވެސް ފާހަގަކުރެއްވިއެވެ.


އެހެންނަމަވެސް، އެކްސިޑެންޓުގައި މަރުވާ މީހާ އަނބުރާ ގެނެވޭނެ ގޮތެއް ނޯންނާނެކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.


ސީޕީ އިތުރަށް ވިދާޅުވީ ސްކޫލް ކުދިންނަށް ޓްރެފިކް މޮނިޓަރުންގެ ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދަކީ ޓްރެފިކް ގަވާއިދުތަކަށް ބޯލަނބާ ޖީލެއް އުފެއްދުން ކަމަށެވެ. އަދި އެކުދިން ބޮޑުވުމުން، ޕޮލިހުން ނެތް ހާލަތުގައި ވެސް ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވާނެކަމަށް އުންމީދުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު