4 months ago
އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީ މުޖްތަމަެުން މަސައްކަތް ކުރަންޖެހޭ ކަމުގައި ރައީސ ްޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޣައްޒާގެ ތަބިޢީން ސްކޫލުގައި ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ހާސް ބަޔަކަށް ޔަހޫދީ އިސްރާޢީލުން ހޮނިހިރު ދުވަހު ފަތިހު ދިން ހަމަލާގައި ސަތޭކައަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ހަމަލާ ކުށްވެރިކުރައްވާ ޕޯސްޓުގައި ވަނީ ޔަހޫދީ އިސްރާއީލުން ދިން މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މިހަމަލާގެ ސަބަބުން އަނިޔާވި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ހިތްދަތި އަދި ބިރުވެރި މަންޒަރުތައް ފެނިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
ޔަހޫދީން ދެމުންދާ ހަމަލާތަކުގައި އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް 39،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާއި ޚިލާފަށް ހިންގަމުންދާ ޢަމަލުތަކެއްކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން ރައްކާތެރިކުރަން ޖެހޭ ކަމަށެވެ.
މި ހަމަލާ، ރައީސް ކުށްވެރިކުރައްވާފައިވާއިރު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިހަމަލާ ކުށްވެރިކުރައްވާފައެވެ. އެގޮތުން މިހަމަލާއަކީ ޤަތުލްޢާއްމެއް ކަމަށާއި މިއީ ޔަހޫދީ ދައުލަތުން ހިންގި ނަސްލުނައްތާލުމުގެ ޢަމަލެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.