4 months ago
ނ. މާފަރު އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކުރުމަށް އޮގަސްޓް 11 ވީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޒިޔާދެވެ. އައިލޭންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތާއި މާފަރު އެކްސްޕޭންޝަން މަޝްރޫއު ނިމުމުން އެއަރޕޯޓްގެ ހިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވާނެ ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތު ވެސް އިތުރުވާނެ ކަަމަށެވެ.
މީގެއިތުރުން ޕްރައިވެޓް ޖެޓްތައް ޕާކް ކުރާނޭ އިތުރު ޖާގަ ލިބި، އެފަދަ ޖެޓުތައް އެ އެއަރޕޯޓުގައި ޖައްސާ އަދަދު ވެސް އިތުރުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ސަރަހައްދަށް އަންނަފަތުރުވެރިންގެ އަދަދު އިތުރުވާނީ ވެސް ޕްރައިވެޓް ޖެޓުތައް ޖެއްސޭނެ އިތުރުޖާގަ ލިބިގެން ކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ނ. އަތޮޅާއި އަދި މާފަރުގެ އިގްތިސޯދީ ތަރައްގީއަށް ކުރިއެރުންތަކެއް އަންނާނޭ މަޝްރޫއުތަކެއް ކަމުގައި ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔަރ ރޯޑު ތަޅާލައި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގާނެއެވެ. އަދި ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުން ވެސް ހިމެނެއެވެ.
މީގެއިތުރުން 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް، ކޮމްޕެކްޓްކުރުމުގެ މަސައްކަތާއި އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
29.85 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ 180 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.