މަޖިލީހުގެ މިދައުރުގެ ފުރަތަމަ އިހުތިޖާޖު ހޫނުވެ، މަޖިލިސް މެދުކަނޑާލައިފި

2 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ބައެއް މެމްބަރުން އިހުތިޖާޖުކުރަން ފެށުމާއެކު، މަޖިލީހުގެ ތަޅުން ހޫނުވެ، ޖަލްސާ މެދުކަނޑާލައިފިއެވެ.


މިއަދުގެ ޖަލްސާ ހޫނުވީ ކުރީ ސަރުކާރުން ކުރިޔަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އާ ސުވާލުކުރުން ކުރިޔަށްދަނިކޮށެވެ.


މި ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ 4 މެމްބަރުން ކަމުގައިވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ ނަން ވަނީ އިއްވާފައެވެ.


މައްސަލަ ހޫނުވީ ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުނުލާނެ ކަމަށް ވައުދުވުމަށްފަހު އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރައްވާފައިތޯ ސުވާލުކުރެއެްވުމުން މިނިސްޓަރ އެކަމަށް ސާފު ޖަވާބު ނުދެއްވުމުންނެވެ.


މިނިސްޓަރު ވިދާޅުވީ ފްލެޓާއި ގޯތި އެއްވެސް މީހެއްގެ އަތުން އަތުލާނީ ލިބިފައި ވަނީ ހައްގުވެރިންނަށްތޯ ނުވަތަ ނޫންތޯ ބެލުމަށްފަހު ކަމަށެވެ.


އެެހެންވެ، މެމްބަރު ޒިޔާދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެއީ ނިޒާމީ ނުކުތާއެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ.


އެއާއެކު އެމްޑީޕީ ބައެއްން މެންބަރުން ގޮނޑިން ތެދުވެވަޑައިގެން ރިޔާސަތާ މުހާތަބު ކުރުމަށް މޭޒު ކައިރިއަށް ވަޑައިގަތެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިދުމަށް އެހާ ހިސާބުން މަޖިލީހގެ ރައީސް އަބްދުއްރަހީމް އެންގެވިއެވެ.


އެކަމަކު އެ މެންބަރުން އެނބުރި ގޮނޑިތަކަށް ވަޑައިނުގަތުމުން އެންމެފަހުން ނަން އިއްވައި މަޖިލިސް ޖަލްސާ ދޫކުރަން އެ މެންބަރުންނަށް ރިޔާސަތުން އެންގެވިއެވެ. އެއަށްފަހު އެ މެންބަރުން ޖަލްސާ ދޫކުރައްވަންދެން ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު