ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

2 months ago

އަފްރާހް

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮގަސްޓް 12 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މި ކޮމިޓީ އިފްތިތާހްކުރައްވާފައިވަނީ މިއަދު މެންދުރުފަހު، ރައީސް އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ މި ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ.


މި ރަސްމިއްޔާތަށްފަހު ބޭއްވެވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ކޮމިޓީ އެކުލަވާލެއްވުމުގެ މައިގަނޑު މަގުސަދުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުންކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ޒުވާނުންގެ ފަރާތުން ގައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދައުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތެއް ފެށިގެން ދިއުމުން ޒުވާނުންގެ ފަރާތުން އެ ޒުވާނުންގެ ވިސްނުން ހިއްސާކޮށް، ކަންކަމުގައި ފެންނަގޮތް ހިއްސާކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި އެ ކޮމިޓީގެ ފަރާތުން ވަނީ މިފަދަ ފުރުސަތެއް ފަހިކޮށްދެއްވައި، ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯއްދެވުމަށް މިފަދަ ފުރުސަތެއް ފަހިކޮށްދެއްވީތީ ރައީސް އަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސްގެ އިރުޝާދާއި އެއްގޮތަށް ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އިޙުސާސްތައް އަޑު އިއްވައިދިނުމަށް ރާވާފައިވާގޮތް ކޮމިޓީގެ ފަރާތުން ހިއްސާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު