ވިއްސާރައިގާ ބައެއް ރަށްތަަކަށް ގެއްލުންވެގެން ދަނީ ރިޕޯޓުކުރަމުން: އެންޑީއެމްއޭ

2 months ago

އަފްރާހް

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ބައެއް ރަށްތަަކަށް ގެއްލުނަވަމުންދާކަމުގެ ރިޕޯޓުތައް ލިބެމުން އަންނަކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރައްވައިފިއެވެ.


އެންޑީއެމްއޭ އިން ވިދާޅުވީ އޮގަސްޓް 12 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް 9 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން އައްޑޫސިޓީ މަރަދޫ، ފޭދޫ، ހިތަދޫ، ގއ. ދެއްވަދޫ، ޅ. ނައިފަރު، ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ. ބާރަށާއި އެ އަތޮޅު ދިއްދޫން ރިޕޯޓުކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެ އިދާރާ އިން ވިދާޅުވީ މިހައި ހިސާބަށް އައިއިރު، އެއްވެސް އާއިލާއެއް، ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރަންޖެހޭ ފަދަ ހާލަތެއް އަދިދިމާނުވާ ކަމަށެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ ނައިފަރުގައި މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ ރާއްޖޭގެ އުތުރުގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ވެސް ނެރުއްވާފައެވެ. އެގޮތުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރުއްވާފައިވާ ރީނދޫ ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 59 މޭލަށް ވައި ގަދަވާނެ ކަމަށެވެ.


މީގެއިތުރުން ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރައްވާފައިވާއިރު، ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު