އަމާޒަކީ މަސައްކަތާއި ހުނަރުގެ ތެރެއިން ޒުވާނުން ވަޒީފާއަށް ނެރުން: މިނިސްޓަރ

2 months ago

އަފްރާހް

ދިވެހި ޒުވާނުން ހަވާސާވީ ދުވަސް ކަމުގައިވާ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 މާޒީވެއްޖެ ކަމުގައި ޔޫތް މިނިސްޓަރ އިބްރާޙިމް ވަޙީދު ވިދާޅުވެއްޖެއެވެ.


ޒުވާނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ އަމާޒަކީ މަސައްކަތާއި ހުނަރުގެ ތެރެއިން ޒުވާނުން ވަޒީފާއަށް ނެރުން ކަމަށެވެ.


ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާއި އެކަށޭނަ، ރަނގަޅު އާމްދަނީއެއް ލިބޭ އަދަދަށް، 5 އަހަރުގެ ތެރޭގައި ވަޒީފާގެ ބާޒާރު ފުޅާކުރައްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަން ހާސިލްކުރުމަށްޓަކައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އެހެން ގިއަރެއްގައި ކުރިއަށްގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.


"ސަރުކާރުގެ ކުންފުނިތަކުގެއިތުރުން އަމިއްލަ ވިޔަފާރިވެރިންނާއި ގުޅިގެން ޒުވާނުން ވަޒީފާއަށް ނެރުމުގެ ހާއްސަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު އަޅުގަނޑުމެން މިދަނީ ހިންގަމުން. އަޅުގަނޑުމެންގެ މި ވެރިކަމުގައި، މިވަގުތު 180 ޒުވާނުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާއިރު، 60 އިތުރު ޒުވާނުން ދަނީ ޕްރޮގްރާމް ފުރިހަމަކުރަމުން." މިނިސްޓަރު ވިދާޅުވިއެވެ.


އެމަނިކުފާނުގެ ހިތާބުގައި އިތުރަށް ވިދާޅުވީ އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއްކަމެއް ކޮށްގެން ނޫނީ އަނެއްކަމެއް ނުކުރެވޭކަން ކަމުގައެވެ. އަދި ކަމެއް ކޮށްގެން ނޫނީ ކާމިޔާބެއް ނުހޯދޭނެކަން ކަމުގައެވެ.


އެހެންވެ، މިކަން ގަބޫލުކޮށް، މި ހަގީގަތާ ކުރިމަތިލުމަށް މިނިސްޓަރު ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އައު އަޒުމަކާއެކު ހީވާގިކަމާއި މުރާލިކަމާއެކު، ސާފު އަމާޒެއް ކަނޑައަޅައި އެ އަމާޒު ހާސިލްކޮށް ތިމާ ދެކޭ މުސްތަގުބަލުގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު