މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ދެހާހަށް ވުރެ މަތިވާނެ: ޝައުނާ

2 months ago

އަފްރާހް

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ދެހާހަށް ވުރެ މަތިވާނެކަމަށް ފެންނަން ހުރި މައުލޫމާތުތަކުން އެނގޭ ކަމަށް ކުރީގެ މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.


އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ 'ހަވަރު ބެރު' ޕެނަލް ޑިސްކަޝަންގައި ޝައުނާ ވިދާޅުވީ އެއާއި އެކުސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދައިގެ އިންސައްތަ ކުރިޔާ އަޅާބަލައި ވަރަށް ބޮޑުތަނުން އިތުރުކަން ފެންނަން އެބަހުރިކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު އެމްޑީޕީގައި ގިނަކަމަށް ވިދާޅުވެ، މި ސަރުކާރުން ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރާނެކަމަށް ވިދާޅުވުމަށް ފަހު، އެއަށް ވުރެ އެތައް ގުނައެއް އަދަދު އިތުރުކޮށްފައިވާކަން ޝައުނާ ފާހަގަކުރެއްވިއެވެ.


މި ސަރުކާރުން އެ ވެސް ސިއްރެއްގެ ގޮތުގައި ހަދައި، މައުލޫމާތުތައް ހާމަކުރަން ދެކޮޅު ހަދަމުން ގެންދާކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މާލީ އެއްވެސް މައުލޫމާތެއް ހާމަ ނުކުރާކަމުގެ ތުހުމަތު ވެސް ވަނީ ކުރައްވާފައެވެ.


ޝައުނާ ވިދާޅުވީ އެ މައުލޫމާތު އާންމު ނުކުރަނީ ސަރުކާރުގެ އަސްލު ހޭދަތައްއެނގޭނެތީ ކަމަށެވެ.


މި ސަރުކާރުން ވަރަށް ގިނަ ހުވަފެން ރައްޔިތުންނަށް ދެއްކިކަމަށާއި އެހެންނަމަވެސް ހަގީގަތަކީ ދެއްކެވި އެއްވެސް ވާހަކައެއް ތަންފީޒުކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި އެ ވަސީލަތްތައް ވެސް ސަރުކާރުގައި ހޯދޭނެ ފެންވަރު ނެތުންކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ރިޔާސީ އިންތިހާބު ގާތްވަމުން ދިޔަވަރަކަށް، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަމަށް ބުނެ އަޑުއުފުލުން ގިނަ ކުރިކަމަށާއި އެއަށްފަހު އެ ގައުމުގެ ނުފޫޒާއި ބާރުގެ ވާހަކަތައް ދައްކަވައި ވައުދުވީ، ރާއްޖެއާއި އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުންތައް ހާމަކުރުމަށް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.


އެހެންނަމަވެސް މިވީ އަށް މަސްދުވަހުގެ ތެރޭގައި އެކަމަށް ކުރީ ކީއްތޯ ޝައުނާ ސުވާލު އުފައްދަވައި، ވިދާޅުވީ ސަރުކާރުގެ ޢަމަލުތަކުން ވެސް އެނގޭ ގޮތުން އެއީ ރިޔާސީ އިންތިހާބަށްދެއްކެވި ހުސް ވާހަކަތެއްކަން ހާމަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު