ގެއްލުންވަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

2 months ago

އަފްރާހް

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ގެއްލުންވަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.


މީސްމީޑިއާގެ 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.


މީގެއިތުރުން މިފަދަ ގަދަ ވިއްސާރާގައި އާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


ރައީސްގެ މެސެޖުގައި މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ހައްލުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެެވެ.


ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކު ވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައި ވެސް އެ ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު