މަތީތައުލީމާއި ތަމްރީން ހޯދަން ދޭ ލޯނުގެ ފައިސާ ހުއްޓުމެއްނެތި ދަނީ ދޫކުރަމުން!

2 months ago

އަފްރާހް

މަތީތަޢުލީމާއި ތަމްރީން ހޯދަން ދޭ ލޯނު ދިނުމަށް ހުޅުވައިލި ފުރުޞަތުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ އިދާރީ މަސައްކަތްތައް މިނިސްޓްރީން ކުރަމުން އެބަ ގެންދެއެވެ.


ކޮންމެ ދަރިވަރަކަށްވެސް ލޯނުގެ ގޮތުގައި ދޫކުރާނެ ފައިސާގެ އަދަދު ކަނޑައެޅެނީ، ގެޒެޓްކުރެވިފައިވާ އާންމު އުސޫލާއި އެއްގޮތަށް ދަރިވަރަށް ބޭނުންވާ ކަންކަމަށް ބަލައިގެންނެވެ. އެއީ، އެކި ދަރިވަރުންގެ ޙާލަތު ކިޔަވަން ދާ ޔުނިވަރސިޓީއާއި ކިޔަވާ ދާއިރާއާއި ފެންވަރު ފަދަ ކަންކަމާ ގުޅިގެން ބަދަލުވާނެތީއެވެ.


އެހެންކަމުން، ދަރިވަރުންގެ ލޯނު އެގްރީމަންޓް ހެދުމަށްޓަކައި އެފަދަ މަޢުލޫމާތު ހިމެނޭގޮތަށް ފައިސާއަށް އެދޭފޯމު މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. އެކަން ކުރާނެގޮތުގެ އިރުޝާދުވަނީ ލޯނުގެ ފުރުސަތަށް ހޮވުނުކޮންމެ ދަރިވަރަކަށް އީމެއިލްގެ ޒަރީޢާއިން ފޮނުވާފައެވެ.


މިދިޔަ އަހަރު ލޯނަށް ހޮވުނު ބައެއް ދަރިވަރުންނާއި މިއަހަރު މިހާތަނަށް ލޯނަށް ހޮވިފައިވާ ކަން އެދަރިވަރިންނަށް އަންގާފައިވާ 1200 އަށްވުރެން ގިނަ ދަރިވަރުންގެ ތެރެއިން ވަރަށް ގިނަ ދަރިވަރުންގެ ލޯނުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު،ފައިސާއަށް އެދި ހުށަހަޅާ ފޯމާއިއެކު ހަށަހަޅަމުން އެބަގެންދެއެވެ. އެފަދަ ހުށަހެޅުންތަކަށް މިނިސްޓްރީން ޖަވާބުދާރީ ވަމުން ދެއެވެ. މަޢުލޫމަތު ފުރިހަމަ ވާ ފަރާތްތަކަށް ލޯނުގެ އަދަދު ކަނޑައަޅައި އެ އަދަދާމެދު ދަރިވަރުންގެ އެއބަސްވުން ހޯދުމަށްފަހު އެގްރީމަންޓްގައި ސޮއިކޮށް، ފައިސާ ދޫކުރެވެމުން ދެއެވެ.


ކޮންމެ ޤައުމެއްގެ ކޮންމެ މަރުކަޒެއްގައި ކިޔެވުމަށް ވެސް، އުސޫލުގައިވާ ގޮތުގެމަތިން ލޯނުގެ ފައިސާ ދަނީ ދޫކުރަމުންނެވެ.


ކޮންމެ ދަރިވަރަކަށްވެސް ފައިސާ ދޫކުރެވޭނެ ތާރީޚް ބިނާވަނީ ލިޔެކިޔުންތައް ފުރިހަމަވެ، އިދާރީ މަސައްކަތްނިންމައިލެވޭ އިރަކަށް ކަމަށް ވާތީ، މި މަސައްކަތްކުރުމަށް ހޭދަވާނެ ވަގުތު އޮއްވައި މި މަޢުލޫމާތުތައް ފުރިހަމައަށް ހުށަހެޅުމަށް ވަނީ ދަރިވަރުންނަށް އިރުޝާދު ދެވިފައެވެ.


ނަމަވެސް ބައެއް ދަރިވަރުން މަޢުލޫމާތު ފުރިހަމަ ކުރުމަކާ ނުލައި ފައިސާއަށް އެދޭ ފޯމު މިނިސްޓްރީއަށް އީމެއިލްކުރާ ކަން ފާހަގަވެއެވެ. އަދި އެގޮތަށް ފޯމުހުށަހެޅުމުން ދަރިވަރު ކިޔަވަން ފަށަންވާ އިރަށްވެސް ފައިސާ ދޫނުކުރެވި ލަސްވާގޮތް ދިމާވާކަންވެސް ފާހަގަކުރެވެއެވެ.


ފުރިހަމަ ނޫން ފޯމު ހުށަހެޅުމަށްފަހު އަޕްޑޭޓް ހޯދަން އެކިއެކި މީސްމީހުންލައްވައި ގިނަ ގިނައިން ގުޅުވުމުން އެ ކޯލްތަކަށް ޖަވާބުދާރީ ވުމަށާއި، ފުރިހަމަ ނޫން ފޯމުބަލައި ރަނގަޅުކުރުމަށް ތަކުރާރުކޮށް އިރުޝާދުދެމުން ގެންދަން ޖެހުމުން، ފުރިހަމަކޮށް ފޯމު ހުށަހަޅާ ދަރިވަރުންގެ ފޯމާއި ގުޅިގެން ކުރަން ޖެހޭކަންކަން ކުރުމަށް މުވައްޒަފުންނަށް ލިބޭވަގުތުކޮޅު މަދުވެ، ފައިސާ ދޫކުރެވޭ ދަރިވަރުންގެ އަދަދުވެސް މަދުވެއެވެ.


އާންމު އުސޫލެއްގެ ގޮތުން، މިނިސްޓްރީން ފޯމުތަކަށް އެޓެންޑްކުރަން ބޭނުން ވަނީ ހުށަހަޅާފައި ހުންނަ ތަރުތީބުންނެވެ. ނަމަވެސް، މި ދުވަސްކޮޅު ވަރަށް ގިނަދަރިވަރުން ވަރަށް އަވަހަށް ކިޔަވަން ފަށަށް ހަމަޖެހިފައިވާތީ، އިރުޝާދު ދެވިފައިވާގޮތަށް ފުރިހަމަކޮށް ހުށަޅާފައިވާނަމަ ކިޔަވަން ފަށަން ހަމަޖެހިފައިވާ ތާރީޚަށް ބިނާކޮށް ފޯމަށް އެޓެންޑްކުރުން އަވަސްކުރެވެއެވެ. އެގޮތުން، އޮގަސްޓް މަހާއި ސެޕްޓެންބަރު މަހު ކިޔަވަން ފަށަން ހަމަޖެހިފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ދަރިވަރުންގެ ފޯމުތަކަށް މި ދުވަސްކޮޅު އިސްކަންދީގެން އެބަކުރިޔަށް ގެންދެއެވެ.


މީގެއިތުރަށް، ލޯނުގެ ފައިސާ ދޭންފެށި، ކިޔެވުން ފަށާފައިވާ ދަރިވަރުންނަށް ކޮންމެ 6 މަހަކުން 6 މަހަކުން ދޭން ތާވަލްކުރެވިފައިވާ ފައިސާ އެއްވެސް ހުއްޓުމެއްނެތި ދޫކުރަމުން ގެންދެވެއެވެ. މި ފައިސާ ދޫކުރުމުގެ ކުރިން، ދަރިވަރު ކިޔަވަމުން އެބަ ގެންދޭތޯ ބަލުމަކީ އޮޑިޓަރުން ލާޒިމުކުރާކަމެކެވެ.


އެހެންކަމުން، ފައިސާ ދޫކުރަނީ، ދަރިވަރު ކިޔަވާ މަރުކަޒުން، އެ ދަރިވަރު އެބަ ކިޔަވަމުން ގެންދާކަން އެނގުމުންނެވެ. ކިޔަވާ މަރުކަޒުން އެކަން ސާފުކޮށް ނުދޭނަމަ، ފައިސާ ދޭން ތާވަލްކުރެވިފައިވާ ތާރީޚް ފާއިތުވިޔަސް ފައިސާ ދޫކުރުން ހުއްދައެއް ނުވެއެވެ. އެއީ ކިޔަވަމުން ނުދާ ދަރިވަރުންނަށް ފައިސާ ދެމުން، ދެމުން ގެންދިއުން ހުއްޓުވުމަށްޓަކައެވެ.


ދަރިވަރުންނަށް ވެސް ނަސޭހަތްތެރި ވެވިފައިވަނީ، ފައިސާ ދޭން ތާވަލްކުރެވި، ދަރިވަރާއެކު ވެވިފައިވާ އެގްރީމަންޓްގައި ހިމެނިފައިވާ ތާރީޚް ދެ މަސްދުވަހަށް ކައިރިވުމުން، ދަރިވަރު ކިޔަވަމުން އެބަ ގެންދާކަން މިނިސްޓްރީއަށް އަންގައިދިނުމަށް ބާރުއަޅައި ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު