ކޮރެޔާ އިން މާސްޓަރސް ކޯހުގެ ސްކޮލަރޝިޕްތަކެއް

2 months ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން 'ކޮލަންބޯ ޕްލޭން' ގެ ނަމުގައި ދެކުނު ކޮރެޔާގެ ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓުންން މާސްޓަރސް ލެވެލްގެ 4 ކޯހަކުން ސްކޮލަރޝިޕް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.


މި ކޯސްތަކުގެ ތެރޭގައި މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ، މާސްޓަރ އޮފް ޑިވެލޮޕްމަންޓް ޕޮލިސީ، މާސްޓަރ އޮޕް ޕަބްލިކް ޕޮމެނޭޖްމަންޓް އަދި މާސްޓަރ އޮފް ޑޭޓާ ސައިންސް ފޯރ ޕަބްލިކް ޕޮލިސީ އެން މެނޭޖްމަންޓް ހިމެނެއެވެ.


މި ސްކޮލަރޝިޕަށް ހުށަހެޅުމުގެ ޝަރުރުތަކުގެ ތެރޭގައި ހިމެނެނީ ކޯހާއި ގުޅޭ ބެޗްލަރސް ޑިގްރީއެއް ހާސިލްކޮއްފައިވުމާއި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތެއްކަމުގައިވުމާއި އެ މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމެވެ.


މީގެއިތުރުން ސްކޮލަރޝިޕަށް އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުމާއެކު އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.


'ކޮލަންބޯ ޕްލޭން' ސްކޮލަރޝިޕަށް ހުށަހެޅުމަށް، ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަންގެ ކޮޕީ، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ގުރޭޑިންގ އިނގޭގޮތަށް)، އަދި މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ (އަންގައިދޭ ދެފުށް ފެންނަގޮތަށް) ހުށަހަޅަން ޖެހެއެވެ. އަދި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާކަން އަންގައިދޭ ލިޔުމާއި ހިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެމީހަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހެއެވެ.


އިތުރު ޝަރުތުތަލުގެ ތެރޭގައި މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ރާއްޖެއަށް ހިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމަކާއި ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް އަދި މިނިސްޓްރީން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ލޯނު ދައްކާ ފަރާތްތަކުން މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ވެސް ހުށަހަޅަން ޖެހޭނެއެވެ.


މި ސްކޮލަރޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 29 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރެވެ. 


އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އާއި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އަދި schol@mohe.gov.mv އަށް އީމެއިލް ކުރުމުން ވެސް ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު