އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ތަފާތުކޮށްގެން ނުވާނެ: ރައީސް

2 months ago

އަފްރާހް

އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި ވެސް ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާއަށް ވަޒީފާ ނުދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.


މިކަމާއި ގުޅިގެން މީސްމީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ.


"އަޅުގަނޑުމެންގެ މި މުޖުތަމަޢު އަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައަޅަމާތޯ!" ރައީސްގެ ޕޯސްޓުގައި ވެއެވެ.


މޫނު ބުރުގާ އަޅާތީ ވަޒީފާ ނުދިން މައްސަލައިގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވެސް ކަންބޮޑުވުން ފާޅުކުރައްވައި، ވިދާޅުވީ މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައެއް ބިނާކުރެވޭނީ އެންމެންނަށް ހައްގުތައް ދީގެންކަމަަށެވެ.


މީގެއިތުރުން ތައުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅާކަން ފާހަގަކުރައްވައި ވިދާޅުވީ އެފަރާތްތަކުގެ ވަޒީފާގެ ހައްގު ސިވިލް ސަރވިސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު