4 months ago
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މީގެ ކުރިން ޕާޓީ ހިންގާފައިވަނީ އެއްވެސް ނިޒާމެއްގެ ތެރެއިން ނޫން ކަމުގައި ޗެއަރޕާސަން އަލްއުސްތާޛް ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ އެ ޕާޓީ މިހާތަނަށް ހިންގާފައިވަނީ އެއިރެއްގެ ލީޑަރަކަށް ފެނިވަޑައިގެންނެވި ގޮތަށް ކަމަށެވެ. އެހެންވެ، ޕާޓީގެ ހިންގުން ވަރުގަދަނުކޮށް ކުރިއަށް ދެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި ބަދަލުތައް ނުގެނެސް ޕާޓީ ވަރުގަދަކޮށް ހިންގުމަށް ދަތިތަކެއް ހުރި ކަމަށާއި ޕާޓީ މިހާ ހިސާބަށް ގެންގޮސްފައި އޮތީ ވަކި ސްޓްރަކްޗަރއެއްގެ ތެރޭން ނޫންކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެންނަން ހުށައެޅި ކަންކަމުގެ ތެރޭގައި އެޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އިތުރު ތިން ގުނަވަނެއް ޕާޓީގެ ތެރޭގައި އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ.
އެއީ ކައުންސިލަރުންގެ ވިންގާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ވިންގު އަދި ޕާޓީ ގައުމީ މަޝްވަރާ މަޖިލީސް ގާއިމްކުރުމެވެ.
ޕާޓީގެ ޤައުމީ މަޝްވަރާ މަޖިލީހަކީ ޕާޓީގެ އެކި ދުވަސްވަރު މަސައްކަތް ކުރެއްވި ފަރާތްތަކުގެ ތެރެއިން މިހާރު އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކަށް ޕާޓީގެ ހިންގުމުގައި ފުރުސަތު ދިނުމަށް ގެންނަ އިސްލާހެކެވެ.