ރާއްޖެއަށް އިޒްރޭލު ހަމައެހާ މުހިންމުތޯ؟: ރައީސް ޔާމީން

2 months ago

އަފްރާހް

އިޒްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އުދުވާންތަކުގައި ރާއްޖެއިން ކަންތައް ކުރަމުންދާގޮތަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.


އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، ޕީއެންއެފް އިން ބޭއްވި ހަރުގެ ޖަލްސާގައި ވިދާޅުވީ ތިހަދަނީ ބޮޑު ގޯހެކޭ މިހާރުން މިހާރަށް ހުއްޓާލާށޭ ވިދާޅުވެ، ރައީސް ޑރ. މުއިއްޒު އާއި ހާރިޖީ ވަޒީރު ވެސް ކުރައްވަނީ އިލްތިމާސްކަމަށެވެ.


"އިޒްރޭލުން އަޑުއަހަން މިތިބެނީ ރާއްޖެއިން ބުނަނީ ކީކޭތޯ، މިހާތަނަށް އިޒްރޭލުން ރާއްޖޭން ހުއްޓާލަން ނުބުނާތީ ހުއްޓާނުލާ ތިބީ އެހެން މި ބޭފުޅުންނަށް ހީފުޅުވަނީ މިބޭފުޅުން މިހާރުން މިހާރަށް ހުއްޓާލާށޭ ބުނާއިރަށް ހުއްޓާލާނެއޭ" ރައީސް ޔާމީން ވިދާޅުވިއެވެ.


މީގެއިތުރުން ރައީސް ޔާމީން ވަނީ ފަލަސްތީނުގެ މައްސަލާގައި މިސަރުކާރުން ގެންގުޅެނީ ސެކިއުލަރ ވިސްނުމެއް ކަމަށާއި އެއީ ބޮޑެތި ގައުމުތަކުގެ ވެރިން ގެންގުޅޭކަހަލަ ސިޔާސަތެއް ކަމަށެވެ. އަދި އެ ސިޔާސަތަކީ އިޒްރޭލުން އެ ކުރަމުން ގެންދާ ކަންކަން ހުއްޓާލުމަށް އިލްތިމާސްކޮށްލުން ކަމަށެވެ.


ރައީސް ޔާމީން އިތުރަށް ވިދާޅުވީ ހެޔޮހިތުން އެކަން ހުއްޓުވާލުމަށް އެދޭނަމަ، ނުވަތަ އެގޮތަށް ބޭނުންވާނަމަ، ޢަމަލީ މަސައްކަތްތަކެއް ކުރާތަން ފެންނަންވާނެ ކަމަށެވެ.


އެހެންނަމަވެސް އިޒްރޭލުން މުދާ ގެނައުން މަނާ ކުރަން ވެސް ނޫޅޭ ކަމަށާއި އިޒްރޭލު މީހުން މި ގައުމަށް އައުން މަނާކުރަން ވެސް ނޫޅޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އައީ މިއަހަރުކަން ވެސް ފާހަގަކުރެއްވިއެވެ.


ރައީސް ޔާމީން ވަނީ މިކަމުގައި އިލްމުވެރިންގެ ބަހެއް ނުވަތަ އިސްލާމިކް މިނިސްޓްރީގެ ބަހެއް ރައީސް ހޯއްދަވަން ނޫޅުއްވަނީ އިޒްރޭލަކީ ހަމައެހާ މުހިންމު ގައުމަކަށްވީމަތޯ ސުވާލު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ހުސެން803

ބަވަނަ ބެފައިވާ މިދުނިޔޭގައި އަދި ރާއްޖޭގެ މުޅި އިގްތިސާދު ޓުއަރިޒަމަށް ބަރޯސާވެފައި އޮންނައިރު ހަމައެކަނި " އިޒުރޭލް " ކޮމާކޯޅި އަކަށް ލައިފަ ބުނުމުން އަދި ކަމަކުނުދާނެއެވެ. މުޅި ޔޫރަޕް މިއޮތީ މިއަދުވެސް އިޒްރޭލާއެކުގައެވެ. އެޅޭ ފިޔަވަޅަކުން މުޅިރާއްޖެ އިދަވެސް ޖެހިދާނެއެވެ. އޭރުންހަމަ އެވާހަކަވެސް ދައްކާނީ ހަމައެބޭފުޅުންނެވެ.

2 months ago