4 months ago
ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ ގާއިމުކުރައްވައިފިއެވެ.
އެ މަނިކުފާނު މި އޮތޯރިޓީ ގާއިމުކުރައްވާފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2024)ގެ 8ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
އެ އިދާރާ އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/17 ނަންބަރު ދެންނެވުމުގައެވެ.
މި އޮތޯރިޓީ ގާއިމުކުރެއްވުމާއި ގުޅިގެން، މިހައިތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައެވެ.
ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށްވެސް ދެންނެވެމުގައިވެއެވެ.