ގާނޫނަށް ގެންނަ އިސްލާހަކީ ފަހަތަށް ދިއުމުގެ ގޯހަކަށް ވެގެންނުވާނެ: ދަ ޑިމޮކްރެޓްސް

2 months ago

އަފްރާހް

ގާނޫނަށް ގެންނަ "އިސްލާހު" ވާންވާނީ ހަގީގަތުގައި ވެސް އިސްލާހަކަށް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.


އެ ޕާޓީން މިފަދައިން ބުނީ އާރބަން ޑިވެލޮޕްމެންޓް ބިލާއި ގުޅޭގޮތުން އެ ޕާޓީގެ ކަންބޮޑުވުންތައް ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.


އެބަޔާނުގައި ބުނެފައިވަނީ އެ އިސްލާހަކީ ފަހަތަށް ދިޔުމުގެ ގޯސް ބަދަލަކަށް ވެސް ވެގެންނުވާނެ ކަމަށެވެ. އަދި އެ ޕާޓީން ވަނީ އާރބަން ސެންޓަރުތައް ޕްލޭންކުރުމާއި ތަރައްގީކުރުމުގައި ލޯކަލް ކައުންސިލްތަކުގެ ދައުރާއި ބާރު އެއްވެސް މިންވަރަކަށް ނޯންނާނެ ގޮތަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ވެސް ފާހަގަކޮށްފައެވެ.


އެގޮތުން ބިލު އޮތްގޮތުން، އާރބަން ސަރަހައްދެއްކަމަށް ކަނޑައަޅާ ސަރަހައްދެއް ޕްލޭންކުރުމާއި ތަރައްގީކުރުމުގައި ކައުންސިލްތަކުގެ ދައުރާއި ބާރު އެއްވެސް މިންވަރަކަށް ނެތި، މިހާރު ހުށަހެޅިފައި އޮތްގޮތަށް އެ ބިލު ފާސް ވެގެން ހިނގައްޖެނަމަ، ގާނޫނުއަސާސީ ތަސައްވުރުކުރާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ހަމަ އާރބަން ސެންޓަރުތައް ގޮތުގައި ކަނޑައެޅޭ ސަރައްހައްދުތަކުގައި އެކީ ނެތިދާނެތީ އެކަމުގެ ަންބޮޑުވުން އިންތިހާ އަށް އޮތްކަމަށް ވަނީ ބުނެފައެވެ.


"ވަކިން ހާއްސަކޮށް މިބިލުގެ 10 ވަނަ މާއްދާ މިހާރު އޮތީ ލާމަރުކަޒީ ނިޒާމު ނެގެހެއްޓުމާއި ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އަދި ތަކުރާރުކޮށް ދެއްވަމުންގެންދަވާ ޑިމޮކްރެޓިކް ކޮމިޓްމަންޓާ ދިމާ އިދިކޮޅަށް، އެކޮމިޓްމަންޓަށް ރިއާޔަތެއް ނެތިކަމަށް މި ޕާޓީއިން ދެކެމެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.


މީގެއިތުރުން ގުޅީފަޅާއި، ގިރާވަރުފަޅާއި، ފުށިދިއްގަރުފަޅު ހިއްކާ، އާރބަން ސެންޓަރުތަކެއް ތަރައްގީކުރަން ފައިނަގާ މިދަނޑިވަޅު އެސަރަހައްދުތައް ޕްލޭންކޮށް ތަރައްގީކުރަނީ ހުޅުމާލެ ޕްލޭންކޮށް ތަރައްގީކުރިގޮތާ ހިލާފަށް، ގާނޫނުއަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނެކަމަށް ބަޔާންކުރާ ލާމަރުކަޒީ އުސޫލުންކަމަށް އެޕާޓީން ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.


އެ ޕާޓީން ބުނީ ލާމަރުކަޒީ ނިޒާމުގެ ބޭރުން، ޑިމޮކްރެޓިކް ކޮންޓްރޯލް ނެތި ހޯދޭނެ އާރބަން އަދި އެހެންއެފަދަ ތަރައްގީއެއްވެސް ނެތްކަން އިންސާނީ ތަޖުރިބާ ދައްކާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމު ހިންގައި ކުރިއެރުވުމަކީ ދުސްތޫރީގޮތުން ވެސް ޑިމޮކްރެޓިކް ހަމަތަކުން ވެސް އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ.


އެއީ ދައުލަތުގެ ވާޖިބަކަށްވީއިރު، ލާމަރުކަޒީ ނިޒާމަށާއި ކައުންސިލްތަކުގެ ހިންގުމާއި، ލިބިދެވިފައިވާ ބާރާއި، ރައްޔިތުންގެ ހައްގާއި ބައިވެރިވުން ނުހަނު ބޮޑަށް ހިމެނޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް ހަދައި އިސްލާހުކޮށް ބަދަލުގެންނައިރުވެސް، އެގެނެވޭ ބަދަލުން ވާންވާނީ އިހުނަށްވުރެ ރަނގަޅެއް، ހެވެއް ކަމުގައި ކަމަށް އެ ޕާޓީން ދެކޭ ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު