4 months ago
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ތާރީޚުގައި އައްޔަންކުރެއްވި، އެންމެފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު އިސްތިއުފާދެއްވައިފިއެވެ.
އެ މަގާމުން ޒީނާ އިސްތިއުފާދެއްވާފައިވަނީ މިއަދުއެވެ. ނަމަވެސް ސަބަބު ހާމައެއް ނުކުރައްވައެވެ.
އެކަމަނާ އެމަގާމާއި ހަވާލުވެވަޑައިގެންނެވިއިރު، އެންމެބޮޑު ގޮންޖެހުމަކަށް ދިމާވެފައިވަނީ ޕީއެސްއެމްގެ ދަރަނީގެ މައްސަލައެވެ. އެ ކުންފުނިން އެކި ފަރާތްތަކަށް 260 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދައްކަން އޮތްއިރު، ތިޖޫރީގައި އޮތީ އެންމެ ހަތް ރުފިޔާކަމަށް ޒީނާ ވަނީ އޭރުވިދާޅުވެފައެވެ.
އެހެންކަމުން އެންމެއިސްކަމެއް އެކަމަށްދެއްވައި، ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ތައުލީމް ހާސިލްކުރައްވާފައިވާ ޒީނާ އަކީ 2006 ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. އަދި މި ދާއިރާގައި 17 އަހަރު ހޭދަކުރައްވަައި، ތަފާތުއެކި މަގާމުތައް ވަނީ ފުރުއްވާފައެވެ.
ގދ. ގައްދޫ އަތިރީގެ، ޒީނާ ޒާހިރު، ޕްރައިބަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ނޮވެމްބަރ 23، 2023 ގައެވެ.