ހިތަދޫ ޕޯޓުން ދޭންފެށި ބަންކަރިންގ ހިދުމަތް ދަނީ ފުޅާވެ، ކުރިއަރަމުން: ވަޖީހު

1 month ago

އަފްރާހް

އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ދޭން ފެށި ބަންކަރިންގ ގެ ޚިދުމަތް ދަނީ ފުޅާވެ ކުރި އަރަމުން ކަމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.


ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ ރާއްޖެއިން ބޭރުގެ ކާގޯ ބޯޓަކަށް ބަންކަރިންގ ޚިދުމަތް މިއަދުވެސް ދީފައިވާ ކަމަށެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށްޓެވުމާއެކު، ރާއްޖޭގެ މެރިޓައިމް ދާއިރާ އިތުރަށް ފުޅާކުރައްވައި، އެއިގެ ތެރެއިން ރާއްޖޭގެ ރީޖަނަލް ޕޯޓުތައް އިތުރަށް ތަރައްގީކޮށް، ދެވޭ ޚިދުމަތް ތައް ވެސް ފުޅާ ކުރެއްވުމުގެ މަސައްކަތް ތައް ވަނީ ފަށްޓަވާފައިކަން ވަޖީހު ފާހަގަކުރެއްވިއެވެ.


އެގޮތުން މިވީ ކުޑަ ދުވަސް ކޮޅުގެތެރޭ ހިތަދޫ ޕޯޓުން ވަނީ މުހިންމު ދެ ޚިދުމަތެއް ދޭން ފަށާފައި ކަމަށާއި އެއީ ބަންކަރިންގ ޚިދުމަތް ދިނުމާއި ދާއިމީ ގޮތެއްގައި އިންޑިޔާއިން ކާގޯ ބޯޓު ހިތަދޫ ޕޯޓަށް އާދެވޭނެ އިންތިޒާމް ހަމަޖެއްސުންކަން ފާހަގަކުރެއްވިއެވެ.


ވަޖީހު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރީޖަނަލް ޕޯޓުތައް ކަމަށްވާ ހިތަދޫ ޕޯޓާއި، ކުޅުދުއްފުށީ ޕޯޓުގެ އުމުރުން މިވީ 19 އަހަރު ދުވަހުގެތެރޭގައި ޕޯޓު ތަރައްގީއަށްޓަކައި ވޭތުވެ ދިޔަ ދުވަސްތަކުގައި މަސައްކަތެއް ކުރެވިފައި ނެތް ކަަމަށެވެ.


އެހެންނަމަވެސް، މިސަރުކާރުން ރީޖަނަލް ޕޯޓުތައް ތަރައްގީކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް އެކަމުގެ ހެޔޮ މަންފާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު