ކަނޑުތަކުން އުފަލާ ހިތްހަމަޖެހުން ލިއްބައިދިނުމަށް ކަނޑުތައް ހިމާޔަތްކުރުން މުހިންމު: މެޑަމް ސާޖިދާ

1 month ago

އަފްރާހް

އަންނަން އޮތް ޖީލުތަކުގެ ރާޅާ އެޅުންތެރިންނަށް ކަނޑުތަކުން އުފަލާ ހިތްހަމަޖެހުން ލިއްބައިދިނުމަށްޓަކައި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން މެޑަމް ސާޖިދާ މުޙައްމަދު ފާހަގަ ކުރައްވައިފިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މިކަން ފާހަގަކުރެއްވީ "އޭ.އެސް.އެފް އޭސިއަން ސާރފިންގ ޗެންޕިއަންޝިޕް 2024" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


އެކަމަނާގެ ވާހަކައިގާ ރާޅާއެޅުންފަދަ ހަރަކާތެއްގެ ނިމުން ފާހަގަކުރާއިރު، ކަނޑުތަކުގެ ވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ކަނޑުގެ ދިރުންތަކާއި ރާޅާއެޅުންފަދަ ކަންކަމަށް ވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި، ވިދާޅުވީ ކަނޑުތައް ހިމާޔަތްކުރުމަށާއި ޕްލާސްޓިކް ކުނި މަދުކުރުމަށާއި ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.


ރާޅާ އެޅުމުގެ މުބާރާތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިދާޅުވީ އެއީ ޝައުގުވެރިކަމާއި ހުނަރާއި އެކުވެރިކަން ދައްކުވައިދޭ މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގެ ފަޚުރުވެރި ވަނަތައް ހޯދިފަރާތްތަކަށް މަރުހަބާ ވިދާޅުވިއެވެ.


ހަމަމިއާއެކު އެ ކާމިޔާބީއަކީ އެކުޅުންތެރިން ނިސްބަތްވާ ގައުމަށް ލިބޭ ރީތިނަމެއްގެ އިތުރުން އެފަރާތްތަކުން އެކަމަށް ދެއްވި ސަމާލުކަމާއި ކުރެއްވި ބުރަ މަސައްކަތް ފެނިގެންދާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މުބާރާތުގައި ބައިވެރިން ދެއްކެވި ކުޅަދާނަކަމާއި ހިތްވަރު އެކަމަނާ ފާހަގަކުރެއްވިއެވެ.


ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ކުޅުންތެރިންގެ ކުޅުމާއި ހިތްވަރާއެކު ކުރާ މަސައްކަތުން އެހެން މީހުންނަށް ހިތްވަރު ލިބިދޭކަމަށާއި އެއީ ކުޅިވަރުގެ ރޫހާ އެކުވެރިކަން އާލާކުރުމަށް މުހިންމުކަމެއްކަމުގައެވެ.


ވިހި ގައުމަކުން ޖުމްލަ 113 އެތުލީޓުން ބައިވެރިވި މި އަހަރުގެ އޭސިއަން ސާރފިންގ ޗެންޕިއަންޝިޕް ކުރިއަށް ގެންދިޔައީ ކ. ތުލުސްދޫގައެވެ.


މިއީ ރާއްޖޭގައި އޭސިއަން ސާފިންގ ޗެންޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރު ކަމުގައި ވީނަމަވެސް މިއީ މި މުބާރާތުގެ ކޮލިފިކޭޝަން ހަރަކާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު