ސަރުކާރުން ބޭންކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު!

1 month ago

އަފްރާހް

ސަރުކާރުން ބޭންކަށް ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި، ގައުމުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަމަށްޓަކައި އެފަދަ ކަންކަން ހުއްޓާލުމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޟު އިސްމާއީލް ގޮވާލައްވައިފިއެވެ.


އެމްޑީޕީ ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ފައްޔާޟު މިފަދައިން ގޮވާލެއްވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.


'އެކްސް' މެދެވެރިކުރައްވާ ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެފަދަ ކުއްލި ބަދަލެއްގެ ސަބަބުން ދަރިވަރުންނަށާއި ވިޔަފާރިތަކަށް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށެވެ. އަދި ވެބްސައިޓްތަކަށާއި ސޮފްޓްވެއަރތައް ފަދަ ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ވެސް ބުރޫ އަރާނެ ކަމަށެވެ.


މީގެއިތުރުން އޭގެ ސަބަބުން ޕްރައިވެޓް ސެކްޓަރއަށް ލިބޭނެ ގެއްލުން ސަރުކާރަށް އަންދާޒާ ކުރެވޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ފައްޔާޟު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގުތިސާދާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ނުއުފުލޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ކަށަވަރުކަމާއެކު މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ.


އެހެންނަމަވެސް މިހާރު ބީއެމްއެލް އިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫނުކުރަން ނިންމުމަކީ ވިސްނުންތެރި ނިންމުމެއް ނޫން ކަމަށް ވަނީ ސިފަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ހުރިހާ ދާއިރާތަކަށް ވެސް އަސަރުކުރާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު