މިނިސްޓްރީން މަސައްކަތްކުރަނީ އެއްވެސް ފަރުދަކު ބާކީ ނުވާނެގޮތަށް: ލަހޫ

1 month ago

އަފްރާހް

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ހުރިހާ ޑިޕާޓުމަންޓަކުން ވެސް މަސައްކަތް ކުރަމުން ދަނީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން ހުރިހާ އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް ކަމަށް ކަމުގައި ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ އެ ވުޒާރާއިން ފާއިތުވި 9 މަސް ދުވަހު ކޮށްފައިވާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމާއި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.


ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ އެ ވުޒާރާއިން ގެންދަނީ އަންހެނުންނާއި ކުޑަކުދިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ދައުލަތުގެ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމާއި އެ ފަރާތްތަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.


އެގޮތުން އެ ޒާރާގެ ޕްރޮވެންޝަން ޑިޕާޓްމަންޓަކީ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތައް ދެނެގަތުމާއި، އެ ފަރާތްތަކުގެ ހާލަތު ގޯސްވުމުގެ ކުރިން އެހީތެރިކަން ފޯރުކޮށްދީ، ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޑިވިޝަނެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.


އެ ޑިޕާޓުމަންޓުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ތިބި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ މަސައްކަތްކުރުމަށް އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ޓީމުތައް ތަމްރީނުކުރުމާއި، ހާލަތު ވަޒަންކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އިންޓަވެންޝަން ޕްލޭންތައް ހަދައި އާއިލާތަކާއި ގާތުން ކުރެވޭ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.


އެ ވުޒާރާއިން ވަނީ އަތޮޅުތެރޭގައި ކުރިއަށް ގެންދާ އިބަމަ ތަމްރީން ޕްރޮގްރާމު ހަރުދަނާކުރުމަށް ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދާނެ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު 5 ދުވަހަށް އެ ޕްރޮގްރާމު ބަދަލުކޮށް އޭގެ ތެރެއިން 2 ދެވަހަކީ ރަށްތަކުގައި ތިބި ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ ޕްލޭން ހެދުމަށް ޚާއްސަ ދުވަސްތައް ކަމުގައި ވަނީ ކަނޑައެޅިފައެވެ.


އޭގެ އިތުރުން ކުޑަކުދިންގެ ރައްކާތެރިކަމާއި އާއިލީ ދުޅަހެޔޮކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ވަނީ ފެށިގެން ގޮސްފައެވެ.


ހަމައެއާއެކު އާއިލާތަކުގެ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިސްރަށްވެހިންގެ ނާދީގައި ހިންގޭ ހަރަކާތްތަކާއި، ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފަރުވާއަށް ގެނެވުނު ބަދަލުތަކާއި މި ހުރިހާ ކަންކަމަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު ޝާމިލު މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާގެ ވާހަގައިގައި ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު