ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ ސްމާޓް ކްލާސްތައް ހުންނާނީ މަޖީދިއްޔާ ސްކޫލުގަ: ރައީސް

1 month ago

އަފްރާހް

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމުގެ ދަންމަރު ކަމަށާއި އެ ސްކޫލް ހުޅުވުނުފަހުން ރާއްޖޭގެ އުފެދިގެން އައި ގިނަ ޝަހުސިއްޔަތުތައް ތައުލީމު ހާސިލް ކުރެއްވީ އެ ސްކޫލުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެ ސްކޫލުގައި އެމަނިކުފާނު ތައުލީމް ހާސިލްކުރެއްވި ދުވަސްތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވާފައެވެ.


"ސްކޫލް ދުވަސްވަރުގެ ހަގީގީ ބޭނުމަކީ ޤައުމަށް ޚިދުމަތް ކުރުމަށްޓަކައި، އަމިއްލަ ހަޔާތް ބިނާކުރުމަށް، މުޖުތަމައަށް ފައިދާހުރިކަންކަން ކުރުމަށް ތައުލީމު ހާސިލްކުރުން، ތަމްރީން ލިބިގަތުން." ރައީސް ވިދާޅުވިއެވެ.


މީގެއިތުރުން މަޖީދިއްޔާ ސްކޫލަށް ބޭނުންވާ ގިނަ ކަންކަން ހުރިކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރު ކުރިއަށްގެންދާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅުއްވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


އެމަނިކުފާނު އިތުރަށް ވިދާޅުވީ އޭގެތެރެއިން ބައެއް ކްލާސް ރޫމްތަކަކީ ސްމާޓް ކްލާސްތައް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ސްމާޓް ކްލާސްތަކަށްވާނެ ކަަމަށް ވެސް ވެސް ވިދާޅުވިއެވެ.


ރައީސް ޑރ. މުއިއްޒު ވަނީ އެ ސްކޫލްގެ ދާރުލް އުލޫމަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު