ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް ނެރުމުގެ މަސައްކަތްތައް ކުރަނީ ވަކި ސެކްޝަނެއްގަ: ޒުހުރުބާން

1 month ago

އަފްރާހް

ވަކި ސެކްޝަނެއް ހަދައިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ހާމަކުރައްވައިފިއެވެ.


މިކަން ހާމަކުރެއްވީ ފާއިތުވި 9 މަސް ދުވަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އިން ހާސިލްކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާންއެވެ.


ޒުހުރުބާން ވިދާޅުވީ އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއެކު ފަހުނާމާއެއްގެ ދަށުން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.


އެގޮތުން މިއަހަރުގެ ތެރޭގައި ހިލްޓަން ރިސޯޓް އިން މޯލްޑިވްސް، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވި އިންޓަރންޝިޕް ފުރުސަތުތައް އެފަރާތްތަކަށް ހޯދައިދެވިފައިވާކަން ފާހަގަކުރެއްވިއެވެ.


ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެވި އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމާއި، ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި ވަޒީފާއަށް އެދޭ ފަރާތްތަކުގެ އެސެސްމެންޓު ހެދުމާއި، އެ ފަރާތްތަކަށް ޚާއްސަ އެކި ކޯސްތައް ހިންގުމުގެ މަސައްކަތް ވެސް އެ ސެކަޝަނުން ކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ޒުހުރުބާން ފާހަގަކުރެއްވިއެވެ.


އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިކޮށްދެވޭ މިފަދަ ފުރުސަތުތަކާއި އެކު އެ ފަރާތްތަކަކީ އަބުރުވެރިކަމާއެކު އެހެން އާއިލާތަކެކެވޭ ވެސް އެއްގޮތަށް ދިރިއުޅެވޭނެ ބައަކަށް ހެދިދާނެ ކަމަށެވެ. އަދި އޯގާތެރި މުޖުތަމައަކަށް މި މުޖުތަމައު ހެދޭނީ އެފަދަ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދެވިގެން ކަމަށް ސްޓޭޓް މިނިސްޓަރ ޒުހުރުބާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު