މާފުށި ކައުންސިލުން، އައިޑީ ކާޑު ފައިސާ އަށް ލައްކައަށްވުރެ ރުފިޔާގެ އިހުމާލު

1 month ago

އަފްރާހް

އައިޑީ ކާޑުގެ ފައިސާ އަށް މާލެ އަތޮޅު މާފުށި ކައުންސިލުން އިހުމާލުވެ، އޮޑިޓަށް އޮޅުވާލާފައިވާކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.


އެ އޮފީހުން މިކަން އާންމުކޮށްފައިވަނީ އެ ކައުންސިލު އިދާރާގެ 2021 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައެވެ.


އެ ރިޕޯޓުގައި އޮޑިޓުގެ އެކި މަރުހަލާތަކުގައި އައިޑީ ކާޑުގެ ފައިސާ ބަލައިގަތުމާއިގުޅޭ މައުލޫމާތު ކައުންސިލު އިދާރާ އިން ހޯދުމުގެ މަސައްކަތްކޮށްފައިވާއިރު، އެކިފަހަރުމަތީން ކައުންސިިލު އިދާރާ އިން އޮޑިޓަރުންނަށް ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ.


އެގޮތުން ކައުންސިލު އިދާރާ އިން އައިޑީ ކާޑާއި ގުޅޭ އެއްވެސް ފައިސާއެއް ބަލައިނުގަންނަ ކަމަށާއި އެއާއިގުޅޭ އެއްވެސް ފައިސާއެއް އެ އިދާރާގެ ބެލުމުގެ ދަށުގައި ނުހުންނާނެކަމަށް މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި 2022 ވަނަ އަހަރުގެ ތެރޭގައި (18 ނޮވެމްބަރ 2022 ގެ ނިޔަލަށް) ޑީއެންއާރް އިން އެއްވެސް އައިޑީ ކާޑެއް ކައުންސިލަށް ފޮނުވާފައި ނުވާނެ ކަމަށް ވެސް މައުލޫމާތު ދީފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.


އެހެންނަމަވެސް އޮޑިޓްގެ ތެރޭގައި އައިޑީ ކާޑު ދޫކުރުމަށް ބޭނުންކުރާ ޑީއެންއާރްގެ ޝީޓުތަކާއި އައިޑީ ކާޑާއި ފައިސާ ފެނިފައިވާއިރު، ޖުމްލަ 69،700 ރުފިޔާ އޮޑިޓަރުންނަށް ކައުންސިލު އިދާރާ އިން ފެނިފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.


"މިއެއްޗެހި ހުރީ މިފަދަތަކެތި ބެހެއްޓުމަށް ގަވާއިދުގައި ބަޔާންކުރާދަފަ، އެކަށީގެންވާ ރައްކާތެރިނޫން ތަންތަނުގައިކަން ފާހަގަކުރަމެވެ." ރިޕޯޓޫގައި ފާހަގަކޮށްފައި ވެއެވެ.


ހަމަމިއާއެކު އެ ފައިސާ ފެނިފައިވަނީ ކައުންސިލު އިދާރާގެ މުވައްޒަފެއްގެ މޭޒު ވަތްގަނޑުގައާއި ކައުންސިލުގެ އިމާރާތެއް ކަމުގައިވާ 'މަންފާވިލާ' ގެ ފައިލިންގ ކެބިނެޓެއްގައި ހުއްޓާ ކަމަށް ވެސް އޮޑިޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެފަހަރެއްގެ މަތީން ފެނުނު ޑީއެންއާރްގެ ޝީޓުތަަކަށް ބަލާއިރު، ބަލައިގަނެފައިވާކަމަށް ދައްކާ ފައިސާގެ އަދަދު، އިދާރާ އިން ފެނިފައިވާ އަދަދާއި އަޅައިކިޔުމުން އެ އިދާރާގައި 13،250 ރުފިޔާ މަދުކަން ވެސް ރިޕޯޓުގައި ވެއެވެ.


ޑީއެންއާރް އިން އޮޑިޓަށް ދީފައިވާ މައުލޫމާތަށް ބުރަވާއިރު، 2019 ވަނަ އަހަރުން ފެށިގެން 15 ނޮވެމްބަރ 2022 ގެ ނިޔަލަށް 120،600 ރުފިޔާ ލިބެންޖެހޭއިރު، ޑީއެންއާރް އަށް ލިބިފައިވަނީ އެންމެ 3500 ރުފިޔާ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.


އެހެންކަމުން އައިޑީ ކާޑުގެ ފައިސާގެ ގޮތުގައި 117،100 ރުފިޔާ ޑީއެންއާރް އަށް ނުދައްކާ ކަމަށް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި އެ ފައިސާގެ ތެރެއިން ދެ ދުވަހެއްގެ މަތީން 69،700 ރުފިޔާ އާއި ވެރިފަރާތާއި ހަވާލުނުކޮށްހުރި 12 އައިޑީ ކާޑު ފެނިފައިވާކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކައުންސިލުން ފޯރުކޮށްދިން ލިޔުންތަކުން 2020 ވަނަ އަހަރު، ކައުންސިލުން ޑީއެންއާރް އަށް 350 ދައްކާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު