ޖޫން މަހުގެ ނިޔަލަށް 1300 އަށްވުރެ ގިނަ މައްސަލަ މިނިސްޓްރީ އަށް

1 month ago

އަފްރާހް

މިއަހަރުގެ ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަށް 1300 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.


އެ ވުޒާރާ އިން ވިދާޅުވީ އެ މުއްދަތުގައި 1341 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގެވެށި އަނިޔާގެ ޢަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތައް ކަމުގައި ވިދާޅުވިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި ބާވަތުގެ 125 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އަދި ޖިސްމާނީ އަނިޔާގެ 119 މައްސަލައާއި ޖިންސީ ހާނިއްކައިގެ 119 މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި ނަފްސާނީ ހާނިއްކައިގެ 37 މައްސަލައާއި އިހުމާލުގެ 111 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލަ ވެސް އެ މުއްދަތުގައި ރިޕޯޓުކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން (ބްލެކްމެއިލް) ކުރުމުގެ 15 މައްސަލައާއި ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 10 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 5 މައްސަލަ ވެސް ހިމެނޭކަަމަށް ވިދާޅުވިއެވެ. އަދި މިނޫން ވެސް އެހެން ބާވަތުގެ އަނިޔާގެ 24 މައްސަލަ ހުށަހެޅި އެޓެންޑްކުރެވިފައިވާ ކަމަށް އެ ވުޒާރާ އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު