ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހާއްސަ ތަހުގީގެއް

1 month ago

އަފްރާހް

ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުގައި ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ ތަހުގީގެއް ފަށައިފިއެވެ.


އެ އިދާރާ އިން އޮގަސްޓް 26 ވީ ހޯމަ ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ކަަމަށެވެ.


މީގެއިތުރުން ހަމަ އެ ވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.


ފުލުހުންގެ އިދާރާ އިން ވިދާޅުވީ މިއީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށާފައި ކަމަށެވެ.


ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓަށް އޮގަސްޓް 25 ވީ އާދީއްތަ ދުވަހު ކުއްލި ގޮތަކަށް ބަދަލުގެނެސްފައިވާއިރު، ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ ގޮތަށެވެ. އަދި މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.


އެހެންނަމަވެސް ހަަމައެދުވަހު ބޭންކުން ވަނީ އެ ނިންމުން އަނބުރާ ގެނެސްފައެވެ. މި ބަދަލު އަނބުރައި ގެނައީ ރާއްޖެއިން ބޭރުގެ މުއާމަލާތުކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މިނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބެލުމަށްފަހު ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ދެއުޅި

މިއީނުބައިފިޔަވަޅެއް-އަންނިހިނގިމަގުން-ގޮސްގެންކަމަކުނުދާނެ

1 month ago