ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫއަށް އިތުރު ބަދަލެއް ނުގެންނަން ނިންމައިފި

1 month ago

އަފްރާހް

އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫޢު އިތުރު ބަދަލެއް ނުގެނެސް ކުރިޔަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަފައިވިއެވެ.


އޯޝަން ކަނެކްޓް އަކީ ދިވެހި ދައުލަތުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމުގައިވާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެކެވެ.


ރައީސް މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. އަދި މި މަޝްރޫއު އިތުރަށް ކުރިޔަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.


އެގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ މި މަޝްރޫއަށް އިތުރަށް ބޭނުންވާ ލޯނު ފައިސާ ހަމަޖެއްސުމަށްޓަކައި އިކުއިޓީއަށް ދައްކަންޖެހޭ 2.92 މިލިޔަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓްކޮށް، ކުރިއަށް ގެންގޮސް ނިންމެވުމަށެވެ.


މީގެއިތުރުން ރައީސް ވަނީ "ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު" މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގެ ތެރެއިން ހިންގަވާގޮތަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައެވެ. މިގޮތަށް ނިންމަވާފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން، ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.


މިގޮތަށް ހަމަޖައްސަވާއިރު، އެ މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިއްބެވި މުވައްޒަފުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު