ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބަލަނީ

1 month ago

އަފްރާހް

ޤައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.


އެމަނިކުފާނު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.


ސަރުކާރުން ކުންފުނިތަކަށް ދޭންހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ޙައްލުތަކާގުޅޭގޮތުން ރައީސް ނިންމެވިކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ޚަލާސްކުރުން ހިމެނެއެވެ.


މިގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުމަށާއި، ކަނޑައެޅޭ ވަކި މިންވަރަކަށްވުރެދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅައި، ދެބައި ވަކިން ބެލެހެއްޓުމަށްވެސް ވަނީ ނިންމަވާފައެވެ.


މީގެއިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި، ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުން ހިމެނެއެވެ. އަދި ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ (ޚާއްޞަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ)، އިން އޮފްސެޓް ކުރުން ހިމެނެއެވެ.


ހަމަމއިާއެކު އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް، ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލައި، އެ ފައިސާ ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމާއި، ފިނޭންސުން ހުށަހެޅުއްވި ލޯނު އޮޕްޝަންތަކުގެ އިތުރަށް ވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބައްލަވައި އެކަމަށް މަސައްކަތްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވާފައެވެ.


ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް މިހާރުން މިހާރަށް އިތުރުކުރެއްވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްފަހު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ފެށުމަށްވަނީ ނިންމަވާފައެވެ.


މީގެއިތުރުން ބޭރު ފައިސާއިން ދޭ އުޖޫރައިން، ޤާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން، އެމެރިކާ ޑޮލަރުން ނަގަން ފެށުމާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް، އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު