ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި 26 މައްސަލައެއް

1 month ago

އަފްރާހް

ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި 26 މައްސަލައެއް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވާ ކަަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ހާމަކުރައްވައިފިއެވެ.


އެ ވުޒާރާ އިން އާންމުކުރައްވާފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އޭގެތެރޭގައި ތަޢުލީމަށް ހުރަސްއެޅުމުގެ 4 މައްސަލައާއި އައި.ޑީ ކާޑު / ޕާސްޕޯޓު / އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ ތިން މައްސަލައަކާއި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 4 މައްސަލަ ހިމެނޭކަަމަށް ވިދާޅުވިއެވެ. އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ 9 މައްސަލަ ވެސް ހިމެނޭކަަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ކުދިންނަށް ވެކްސިން ނުދިނުމުގެ މައްސަލައަކާއި ކަރަންޓު ޚިދުމަތް ކަނޑާލުމުގެ ދެ މައްސަލައާއި، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ ތިން މައްސަލަ ވެސް ހިމެނޭ ކަމަށް އެ ވުޒާރާ އިން ހާމަކުރައްވައެވެ. އަދި ޢާއިލާއާ ގުޅުންހުރި 166 މައްސަލައެއް ވެސް ރިޕޯޓު ކޮށްފައިވާއިރު، މިގޮތުން ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 61 މައްސަލައާއި ހަޟާނާގެ 36 މައްސަލައާއި ދަރިންގެ ޚަރަދު ނުދިނުމުގެ 5 މައްސަލަ، އަދި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 64 މައްސަލަ ވެސް ރިޕޯޓުކޮށްފައިވާކަަމަށް އެ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ.


ހަމަމިއާއެކު އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ ވެސް އެ މުއްދަތުގައި ހުށަހަޅާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ޖިންސީ ހާނިއްކަ ކުރުމުގެ 19 މައްސަލައާއި ޖިސްމާނީ އަނިޔާ ކުރުމުގެ 101 މައްސަލައާއި، ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ 80 މައްސަލަ ވެސް ހިމެނެއެެވެ. އަދި އިހުމާލުގެ 9 މައްސަލައާއި، ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައަކާއި ޖިންސީ ފުރައްސާރަކުރުމުގެ 3 މައްސަލަ ވެސް ހިމެނެއެވެ.


އެ ވުޒާރާގެ ތަފާސްހިސާބުން ދައްކާގޮތުގައި މާލީ އަދި އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުއްދަލަށް ގެއްލުންދިނުމުގެ 3 މައްސަލައާއި، ހިފެހެއްޓުމުގެ ޢަމަލުގެ 2 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 14 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 4 މައްސަލަ ވެސް ވަނީ ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު