4 months ago
ޅ. ހިންނަވަރުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން އެ ރަށުގައި "މޫދު ކަސްރަތު" ޕްރޮގްރާމް ހިންގައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ޅ.ހިންނަވަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އޮގަސްޓު 1 އިން 25 އަށް ހިންގި މި ޕްރޮގްރާމްގައި އެރަށުގެ 80 އަންހެނުން ޕްރޮގްރާމް ފުރިހަމަކުރައްވާފައިވެއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮގަސްޓު 25 ވަނަ ދުވަހުރޭ ޅ.ހިންނަވަރު ރީތި ބީޗުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤެވެ. ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ވަނީ ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލްއާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ރަންވަނަތައް ހާސިލުކުރެއްވި ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްފައެވެ.
މިގޮތުން މި ޕްރޮގްރާމްގެ މުއްދަތުގައި ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރި ބައިވެރިންގެ ތެރެއިން ތިންވަނަ، ދެވަނަ އަދި އެއްވަނަ ބައިވެރިޔާއަށް ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާންއެވެ. އަދި މި ރަސްމިއްޔާތުގައި، "މޫދު ކަސްރަތު" ފުރިހަމަކުރެއްވި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ނޮދަން އޭރިއާ ކޮމާންޑްގެ އެސް1، ކެޕްޓަން އަޙްމަދު އިހުސާނެވެ. އަދި އެޓެންޑެންސް އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް އެވޯޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޅ.ހިންނަވަރު ކައުންސިލާއި ޑަބްލިޔުޑީސީގެ މެމްބަރުންނެވެ.
މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.
މީގެއިތުރުން މި ޕްރޮގްރާމްގައި ބައިވެރިންނަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިފާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައިވެއެވެ.
އެރަށުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފިޒިކަލް ފިޓްނަސް އިންސްޓްރަކްޓަރުންނެވެ.