މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭ ސެޝަނެއް އިސްރަށްވެހިންނަށް

1 month ago

އަފްރާހް

މުއާމަލާތް ކުރުމުގައި ކަނުލާ އަޑުއެހުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އިސްރަށްވެހިންގެ ނާދީގައި ސެޝަނެއް ބާއްވައިފިއެވެ.


މި ސެޝަންގައި ކަނުލާ އަޑު އެހުމުގެ މުހިންމުކަމާއި އިޙުތިރާމް ދީގެން އިޙުތިރާމް ހޯދުމުގެ މުހިންމުކަމަށް އަލި އަޅުވާލާފައެވެ. އަދި ޝައުޤުވެރިކަމާއެކު އަނެކާގެ ވާހަކަ އަޑުއެހުމަށް އިސްކަންދިނުމާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައި ވެއެވެ.


މީގެއިތުރުން ތަފާތު ހަރަކާތްތައް ވެސް މި ސެޝަނުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.


ސޯޝަލް މިނިސްޓްރީން އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކޮންމެ ހަފުތާއަކު ވެސް ތަފާތު ހަރަކާތްތައް ގެންދަނީ ބާއްވަމުން އަންނައިރު، މި ހަފުތާގައި ވެސް ގިނަ ކަންކަން ރާވާފައި ވެއެވެ.


އެގޮތުން އިސްރަށްވެހިންނަށް ޚާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމާއި އިސްރަށްވެހިންގެ ނާދީގެ ކްލަބް ބައްދަލުވުމާއި ޅެންވެރިކަމުގެ ކްލާސް ކުރިއަށް ގެންދާނެއެވެ. އަދި މާޖަހަން ދަސްކޮށްދޭ ކްލާހާއި ގައުމީ ދުވަސް ފާހަގަކުރުމުގެ ޕްރެކްޓިސް ވެސް މި ހަފުތާގައި ކުރިއަށް ގެންދާނެއެވެ.


މީގެއިތުރުން ސިއްހަތަށް ފައިދާހުރިކާނާ ތައްޔާރުކުރަން ދަސްކޮށްދޭ 4 ވަނަ ކްލާހާއި އިސްރަށްވެހިންނަށް ޚާއްސަ "ގޯލްޑް" ކަސްރަތު ޕްރޮގްރާމު ވެސް ބާއްވާނެއެވެ.


މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ހުޅުވާލާފައިވާއިރު، އިސްރަށްވެހިންގެ ނާދީއަށް ގޮސްގެން މި ޕްރޮގްރާމުތަކުގައި ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު