ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރ 11 ގެ ނިޔަލަށް

1 month ago

އަފްރާހް

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.


މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ 11 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށެވެ.


މި މަގާމަށްއެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 10 ސެޕްޓެންބަރު ވާ އަންގާރަ ދުވަހާއި 11 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު ޖަހަންދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.


މި މަގާމަށް އެދި ހުށައަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.


ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަލްއުސްތާޛު ހުސައިން ޝަމީމު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ އޮގަސްޓް 23 ވަނަ ދުވަހު އެވެ.


ޝަމީމް އިސްތިއުފާ ދެއްވާފައި ވަނީ ޕީޖީގެ މަގާމުން އޭނާ ވަކިކުރުމާއިމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ވެސް އެރޭ ކުރިއަށް ގެންދަނިކޮށްނެވެ.


ޕީޖީގެ މަގާމުން ޝަމީމު ވަކިކުރުމަށް އޮގަސްޓް މަހުގެ 13 ގައި ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޖުޑީޝަރީ ކޮމިޓީއަށް އޭނާ ހުށަހެޅުއްވި ސިޓީގައި ވަނީ ޝަމީމް ގާނޫނުއަސާސީ އާ ހިލާފުވެވަޑައިގެންފައި ކަމަށެވެ. އަދި އެ ޕީޖީގެ މަގާމާ އެކަށީގެންނުވާ ކަންކަން ކުރައްވާފައިވާ ކަމަށެވެ.


ޝަމީމުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ، އަދި އަންހެނުންގެ ކަރާމާތް ނަގާލުމަށް ހިންގޭ އެންމެ ބޮޑު އެއް ކުށް ކަމަށްވާ ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލްކުރުން ހިމެނެއެވެ.


މީގެއިތުރުން މަގާމުގައި ދެމިހުރުމަށް ޖިނާއީ އަދުލުގެ ނިޒާމުގައި ގާއިމްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ދައުވާގެ މައްސަލަ ފައިލްކުރުމާއި ސަފާރީއެއްގައި ރޭޕްކުރި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފްނުކުރަން ނިންމުން ވެސް ހިމެނެއެވެ.


ޝަމީމުގެ މައްޗަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޟާގެ މައްޗަށް ހުށަހެޅި ހިއުމަން ޓްރެފިކިންގ ދައުވާ އަނބުރާ ގެނައުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން ވަނީ ހިމަނާފައެވެ.


ހަމަމިއާއެކު ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އިދާރާގެ ތަރުޖަމާނު އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގައި، ޑްރަގް ބޭނުންކޮށް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލަ ނުބެލުމާއި ތަކުރާރުކޮށް ހުށަހެޅުމުން ވެސް ވެންޓިލޭޓަރު މައްސަލައިގައި ކޮރަޕްޝަންގެ ދައުވާނުކުރަން ނިންމުމާއި ޕީޖީ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ވެސް ހިމެނެއެވެ.


މި މައްސަލައިގައި ޝަމީމް ޖަވާބުދާރީކުރުވުމަށް ކޮމިޓީއަށް ހާޟިރުކޮށް، ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީގެ އިއްތިފާގުން ވަނީ ނިންމާފައެވެ


ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވުމާއިގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ ދަށުން، އެ މަގާމުގެ މަސްއޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމެވެ.


ކިޔުންތެރިންގެ ހިޔާލު