އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

1 month ago

އަފްރާހް

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މިއީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އާއި ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.


މި އެއްބަސްވުމުގެ މަޤްސަދަކީ މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އެހީއާއެކު، "ނޭޝަނަލް ކެރިއަރސް ސާރވިސް" މެދުވެރިކޮށް، ދަރިވަރުންނަށާއި މަސައްކަތްތެރިންނަށް ކެރިއަރ ގައިޑަންސް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމެވެ. އަދި މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމަށް ބޭނުންވާ ހުނަރާއި ތަމްރީން ފޯރުކޮށްދިނުމެވެ.


މީގެއިތުރުން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ބެސްޓް ޕްރެކްޓިސަސް އެކި ސިނާއަތްތަކާ ޙިއްސާކޮށް، ވަޒީފާގެ މާހައުލުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނޫ ހަމަޖެހިފައެވެ.


މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ޕަރމަނަންޓް ސެކްރެޓަރީ، އައިޝަތު ހިކްމާއެވެ. މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް) ގެ ފަރާތުން އެ އިދާރާގެ ކޯ-ފައުންޑަރ އަދި ޕްރެޒިޑެންޓް، އަޙްމަދު އިބްރާހިމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.


ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ސެއިލްސް ޕްރޮޖެކްޓަކީ ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުޙިއްމު ހުނަރުތައް ދަސްކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވާ ހިންގުން ހިމެނެއެވެ.


ސެއިލްސް ޕްރޮޖެކްޓުގެ އިތުރުން ވެސް، މ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އަންނަނީ ދިވެހި ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ހަރުދަނާކުރުމަށް އެތަށް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު