17 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ރާއްޖެ އެެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފި

1 month ago

އަފްރާހް

ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 11.62 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.


މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.


މިގޮތުން އޮގަސްޓް 14 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.


މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 680 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 960,000.00 (ނުވަ ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.


މީގެ އިތުރުން އޮގަސްޓް 19 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroine) އަދި ކެނެބިސް (Cannabis) އަށް ވަނީ ޕޮޒިޓިވްވެފައެވެ.


ހެރޮއިން އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 740 ގްރާމް އަދި ކެނެބިސް އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 10,200 ގްރާމް ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގަކީ 8,900,000.00 (އަށް މިލިއަން ނުވަލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.


މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 11.62 ކިލޯގްރާމް ހުއްޓެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު