ގުރައިދޫ މަރުކަޒުގައި ތިބި ހާއްސައެހީ އަށް ބޭނުންވާ މީހުންނަށް ހުނަރު ދަސްކޮށްދޭ ކޯސްތަކެއް

5 months ago

އަފްރާހް

މާލެއަތޮޅު ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނަށް ހުނަރު ދަސްކޮށްދޭ ކޯސްތަކެއް ފަށައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވީ އެ މަރުކަޒުގައި ތިބި އަންހެން ކްލަޔަޓުންނަށް ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް މިދިޔަ ހަފުތާގައި ބާއްވާފައިވާ ކަމަށެވެ. އަދި މިއީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ބޭއްވި ކޯހެއް ކަމަށް ވެސް ވިދާޅުވިއެވެ.


މި ކޯސް 10 ފަރާތަކުން ފުރިހަމަކޮށްފައިވާއިރު، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތައް މީގެ ދެމަސް ކުރިން އެ ވުޒާރާ އިން ފައްޓަވައިގެން ކުރިޔަށް ދަނީ ގެންދަވަމުންނެވެ. އަދި އިޖުތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ކުރިއަށްގެންދާކަން ވެސް ފާހަގަކުރެއްވިއެވެ.


އެ ވުޒާރާ އިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ކުރެހުމާއި އަތުމަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ބޭއްވުމަށް ވެސް ގަސްދުކުރައްވާފައިވާ ކަމަށެވެ.


މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަގްސަދަކީ އެ ވުޒާރާގެ ބެލެނިވަރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެންވާ ފަރާތަކަށް ހެދުން ކަަމަށް ވިދާޅުވިއެވެ.


ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކޮންމެ މީހަކީ ވެސް އުފާވެރި ދިރިއުޅުމެއް އާއިލާއާއި އެކު އުޅުމުގެ ހައްގު ލިބިގެންވާ ފަރާތެއް ކަމަށާއި އެހެންކަމުން އެ ފަރާތްތަކަށް ބޭނުންވާ އޯގާތެރިކަމާއި އެހީތެރިކަން، އުފަލާ ލޯތްބާއެކު ދިނުމަށް، މުޖުތަމައުގެ އެންމެހައި ފަރުދުންނަށް އެ ވުޒާރާ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު