އިމިގްރޭޝަން ވޮޗް އަށް މިހާތަނަށް 473 މައްސަލަ ރިޕޯޓުކޮށްފި

1 month ago

އަފްރާހް

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ކުރި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 473 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.


"އިމިގްރޭޝަން ވޮޗް" އިފްތިތާހުކުރީ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.


އިމިގްރޭޝަނުން ވިދާޅުވީ ޖުލައި މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 473 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 369 މައްސަލަ އަންނަނީ ބަލަމުން ކަމަށެވެ. އަދި ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 82އަށް އަރާ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.


އިދާރާއާ ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 22 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.


"އިމިގްރޭޝަން ވޮޗް" އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓް ފޯމެެކެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވޭނެއެވެ.


މިޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އިމިގްރޭޝަނާއި، އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އިމިގްރޭޝަން ދެކެއެވެ.


"އިމިގްރޭޝަން ވޮޗް"ގެ އެހީގައި އާންމުންނަށް 24 ގަޑީއިރު އިމިގްރޭޝަނަށް ރިޕޯޓްކުރެވޭނެއެވެ. އިމިގްރޭޝަނާ ގުޅުންހުރި ރިޕޯޓެއް ނުވަތަ މައްސަލައެއް ހުށަހަޅާއިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު