ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން އުޅުމަކީ ސަމާސާއެއް ނޫން: އުމަރު ނަސީރު

1 month ago

އަފްރާހް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ދެއްކެވި ވާހަކަފުޅަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ.


ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވަނީ ރިޔާސީ ލޯންޗުކޮޅު 'ފިނިފެންމާ' ގައި އެއްޗެއް ގޮއްވާލި މައްސަލައަކީ ޔާމީން އަމިއްލަފުޅަށް ކުޅުއްވި ޑްރާމާއެއް ތޯ ސުވާލުކުރައްވާފައެވެ.


2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގާދިޔަ މި ހާދިސާ އާއި ގުޅިގެން އަބްދުއްރަހީމް މިފަދައިން ވިދާޅުވުމުން، އޭރުގެ ހޯމް މިނިސްޓަރު އުަމރު ނަސީރު ވިދާޅުވީ އަބްދުއްރަހީމްގެ އެވާހަކައިގެ ސަބަބުން އެފަދަ ހަމަލާތައް ރާވާ ފަރާތްތަކަށް ލިބޭނީ ހިތްވަރެއް ކަމަށެވެ.


މީގެއިތުރުން އެއީ ދައުލަތުގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅަކު ދައްކަވަންޖެހޭނެ ފެންވަރުގެ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


އުމަރު ނަސީރު އިތުރަށް ވިދާޅުވީ ކަންމަތީ ސައި ހޮޓަލެއްގައި އާދައިގެ އެކްޓިވިސްޓަކު ދައްކާ ވާހަކައާއި ސިޔާސީގޮތުން މަތީ މަގާމެއްގައި ހުންނަވައި ބޭފުޅަކު ދައްކާ ވާހަކަ ވަރަށް ތަފާތުވާނެ ކަމަށެވެ. އަދި މި ދައްކަވަނީ ގައުމެއްގެ ރައީސް ދަތުރުކުރެއްވި ރަސްމީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ވާހަކަ ކަމަށެވެ.


އެެހެންކަމުން މިއީ ސަމާސާ ވާހަކައެއް ނޫން ކަމަށާއި ސާމާސާ އަށް ދައްކަވަން ޖެހޭ ވާހަކައާއި ނުދައްކާންޖެހޭ ވާހަކަ ވެސް ހުންނާނެކަަމަށް އުމަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު