ދިވެހިންގެ އިހުގެ ސަގާފަތަށް ބަލައިލުމުން ފެންނަނީ އިޖުތިމާއީ ބަލިމަޑުކަމެއްނެތް ރާއްޖެއެއް

1 month ago

އަފްރާހް

ދިވެހިންގެ ސަގާފަތަކީ އަދުގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއއިްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.


އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކ. މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ "ދިވެހި ސަގާފީ ގޯތި" ރަސްމީގޮތުން ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.


މެޑަމް ސާޖިދާ ވަނީ މިއަދުގެ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ދިވެހިންގެ ރީތި ސަގާފަތް ހެދުމުން ކުރާނެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ރައީސް ޑރ. މުޢިއްޒު، ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލެއްވުމަކީ އޭގައި މުހިންމު މަގްސަދުތަކެއް، މާނަތަކެއް އަދި މަންފާތަކެއް އެކުލެވޭ ކަމެއްކަމުގައި ވިދާޅުވިއެވެ.


ދިވެހިންގެ އިހުގެ ސަގާފަތަށް އެނބުރި ބަލައިލުމުން ފެންނަނީ އިޖުތިމާއީ ބަލިމަޑުކަމެއްނެތް ފުދުންތެރި ފަޚުރުވެރި ރާއްޖެއެއްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަގާފަތާއި ދިވެހިންގެ ތަރިކައިގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި އެކަމަނާ ވަނީ ދިވެހި މުޖުތަމައުގައި ހުރި ކަންބޮޑުވާ މައްސަލަތަކަށް ހައްލު ލިބެން އޮތީ ދިވެހި ގައުމިއްޔަތު އިއާދަކުރެވިގެންކަން ފާހަގަކުރައްވާފައެވެ.


މާފުށީ ޖަލުގެ ގޯތިތެރޭގައި ހަދާފައިވާ ދިވެހި ސަގާފީ ގޯއްޗަކީ ސަގާފީ ގޯއްޗެއްގެ ތެރެއިން އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާ އާދަކާދައިގެ ތެރެއިން ފެންނަ ވަރަށް ގިނަ ކަންތައްތައް ހިމެނޭގޮތަށް ހަދާފައިވާ ތަނެކެވެ.


މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައީދިން ރިހެބިލިޓޭޓްކުރުމުގައި ދިވެހި ސަގާފީ ގޯތީގެ ތެރެއިން ފެންނަންހުރި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ ތެރޭގައި ހިމެނޭ އެކި މަސައްކަތްތައް އެމީހުންނަށް ދަސްކޮށްދީ މަސައްކަތްތެރި ބަޔަކަށް އެމީހުން ހެދުންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު