އުކުޅަހުގައި އޭޑީކޭ އިން މެޑިކަލް ކޭމްޕެއް

1 month ago

އަފްރާހް

ރާއްޖޭގައި ހުރި އެންމެބޮޑު އަމިއްލަ ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުގައި އޮންނަ ރެކްރިއޭޝަން ކްލަބު، އޭޑީކޭ ސިނަރޖީން އަރިއަތޮޅުގައި މެޑިކަލް ކޭމްޕެއް ބާއްވަމުން އެބަގެންދެއެވެ.


އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް 'އޮއިވަރު' އަށް ވިދާޅުވީ މިއީ އެ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މިއަދުގެ ފުރަތަމަ ދަންފަޅި ކުރިއަށް ގެންދިޔައީ ހެނދުނު 8 ން މެންދުރު 11 ޖަހަންދެން ކަމަށެވެ.


ދެވަނަ ދަންފަޅި މެންދުރުފަހު 2 ން އިރުއޮއްސި 6 ޖަހަންދެން ބާއްވާއިރު، ޖުމްލަ 6 ޑޮކްޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކޮންމެ ޑޮކްޓަރަކަށް ވެސް ވަކި އަދަދަކަށް ނަމްބަރު ދޫކުރުމަށް ވަނީ ނިންމާފައެވެ.


އެގޮތުން އަންހެނުންގެ ބަލިތަަކަށް ހާއްސަ ޑރ. ލީނާއާއި ޑރ. ޒާހިޔާ، ހަމުގެ ބަލިތަކަށް ހާއްސަ ޑރ. ނުޒުހާ، އެތެރެހަށިގެ ބަލިތަަކަށް ހާއްސަ ޑރ. ޝިވިރް އަދި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. ނާސިހާ އަށް ދޫކުރުމަށް ނިންމާފައިވަނީ ކޮންމެ ޑޮކްޓަރަކަށް 50 ނަމްބަރެވެ.


މީގެއިތުރުން ލޮލުގެ ހާއްސަ ޑރ. ޖެނީނާ އަށް 100 ނަމަބަރު ދޫކުރުމަށް ނިންމާފައިވާއިރު، ލޮލުގެ ނަމްބަރު ނެގިމާއި އައިނު ހެއްދުން ކުރިއަށް ގެންދާނެއެވެ. އަދި ލޮލުގެ ޗެކްއަޕް ހެދުމާއި ނަމްބަރު ނަގައިދިނުމާއި ޑޮކްޓަރަށް ދެއްކުން އޮންނާނީ ހިލެއެވެ.


ހަމަމިއާއެކު ޑރ. އަބްދުﷲ ނިޔާފް ކުރިއަށް ގެންދަވާ 'ހޭލުންތެރިކުރުމުގެ ސެޝަނެއް' މިރޭ 8 ން 10 ޖަހަންދެން އޮންނާނެއެެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު