މަސްވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ރާއްޖެ: މިނިސްޓަރ

1 month ago

އަފްރާހް

އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތައް ގުޅިގެން އެކުލަވާލެވިފައިވާ "ޖީ 16 –ގްރޫޕް އޮފް ލައިކް މައިންޑަޑް ކޯސްޓަލް ސްޓޭޓްސް" ގެ 36 ވަނަ ބައްދަލުވުން ބަޑޮސް މޯލްޑިވްސް ރިސޯޓްގައި ވަނީ ފަށާފައެވެ.


ޖީ 16 ގެ އިންޓަރިމް ސެކްރެޓޭރިއަޓް ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން، މި ބައްދަލުވުން އިންތިޒާމްކޮށް ހިންގާފައިވަނީ، ވޯލްޑް ބޭންކްގެ އެހީއާއިއެކު، ދިވެހިރާއްޖެއިންނެވެ.


މިބައްދަލުވުން އިފްތިތާހް ކޮށްދެއްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމްއެވެ.


މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އިންޑިއާ ކަނޑުން އެކި ގައުމުތަކަށް ކަނޑުމަސް ބޭނޭނެ މަތީ މިންވަރު ކަނޑައެޅުމާއި ބެހޭ ގޮތުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އަށް ހުށަހަޅާފައިވާ ގަރާރާއިމެދު މިގައުމުތަކުގެ މެދުގައި މަޝްވަރާކޮށް، އެއްބަސްވުމަކަށް އައުމެވެ.


ޖީ 16 ގެ މި ބައްދަލުވުމުގައި މި ގަރާރާއިމެދު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އަންނަ އަހަރުގެ އައި.އޯ.ޓީ.ސީގެ އަހަރީ ބައްދަލުވުމުގައި މި ގަރާރު ފާސްކުރުމަށް ހުށަހެޅޭނެއެވެ.


ދެދުވަހުގެ މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކޮމޮރޮސް، އީރާން، ކެންޔާ، މެލޭޝިއާ، މޮޒަމްބީކް، ސްރީ ލަންކާ، ސައުތް އެފްރިކާ، ޓެންޒޭނިއާ އަދި ތައިލެންޑް ގެ މަސްވެރިކަމާބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ވަރލްޑް ވައިޑް ފަންޑް ފޮރ ނޭޗަރ (ޑަބްލިއު.ޑަބްލިއު.އެފް)، ސަސްޓެއިނަބްލް ފިޝަރީޒް އެންޑް ކޮމިއުނިޓީސް ޓްރަސްޓް (އެސްފެކްޓް) އަދި ސައުތް ވެސްޓް އިންޑިއަން އޯޝަން ޓޫނާ ގެ ފަރާތުން ބައިވެރިވެފައިވެއެވެ.


މި ބައްދަލުވުން ހުޅުވާދެއްވުމުގެ ގޮތުން ވަޒީރު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ގައުމަކަށް ރާއްޖެ ވާއިރު، ކޮންމެ ގައުމަކަށް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމުގައި ރާއްޖޭގެ އިގްތިސާދަށާއި، މަސްވެރިކަމުން ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަށާއި، މަސްވެރި އާއިލާތަކަށް ކުރާ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.


އިންޑިއާ ކަނޑުގެ ކަނޑުމަހާއި ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް އައި.އޯ.ޓީ.ސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބޭނޭނެ މިންވަރުތަކެއް ކަނޑައުޅުމަށް އަލޮކޭޝަން ރެޖީމެއް ކަނޑައެޅުމަށް މަޝްވަރާކުރާތާ މިހާރު ވަނީ 14 އަހަރުވަނީ ވެފައެވެ.


ޖީ 16 އަކީ އައި.އޯ.ޓީ.ސީގެ މެންބަރު ގައުމުތަކުގެ ތެރެއިން ހިޔާލު އެއްގޮތް އައްސޭރިފަށުގެ ގައުމުތައް ގުޅިގެން، މަސައްކަތްކުރުމަށް އެކުލަވާލައިފާ ގްރޫޕެކެވެ. މި ގްރޫޕްގެ މައިގަނޑު މަގްސަދަކީ އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމަށްޓަކައި އައި.އޯ.ޓީ.ސީ މެދުވެރިކޮށް ކުރާ މަސައްކަތްތައް ރާވައި، ހިންގުމުގައި އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި ވިލަރެސްކޮށް، ވީހާވެސް ގިނަ ގައުމުތަކުގެ ބައިވެރިވުމާއެކު ކަންކަން ނިންމުމެވެ.


ކިޔުންތެރިންގެ ހިޔާލު