މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުވާލައިފި

1 month ago

އަފްރާހް

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އުވައިލައްވައިފިއެވެ.


މިއީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި، އޮތޯރިޓީއެކެވެ.


އެމަނިކުފާނު މި އޮތޯރިޓީ އުވާލައްވާފައިވާކަން ޢިއުލާންކުރެއްވީ ސެޕްޓެމްބަރު 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.


އެމަނިކުފާނު މި އޮތޯރިޓީ އުވާލެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.


ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުންދާގޮތަށް ހަމަޖައްސަވައިފައިވާ ކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ.


މިގޮތަށް ހަމަޖެއްސެވީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކުރަމުންއައި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ޚަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްކަމަށްވެސް ދެންނެވުމުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު