އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އިނާމު އޮކްޓޯބަރ 28 ގަ

1 month ago

އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާ މިއަހަރު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގައިކަން ހާމަކުރައްވައިފިއެވެ.


އެމްއެމްސީން ވިދާޅުވި މި ހަފުލާ އޮންނާނީ އޮކްޓޯބަރުގެ 28 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އަދި ހަފުލާ ބާއްވާނީ ޢުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓިޕާރޕަސް ހޯލުގައި ކަމަށެވެ.


މި އިނާމަށް ނަން ހުށަހެޅުމަށް ހުޅުވައިލުމުން 18 ދާއިރާއަށް 88 ހުށަހެޅުން ލިބިފައިވާކަމަށް އެމްއެމްސީން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ ހިމެނޭހެން 18 ދާއިރާއަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.


މިއަހަރުގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާއެވެ. އަދި ވިޔަފާރިއާއި އިގްތިސާދާއި ކުޅިވަރުގެ ދާއިރާ ވެސް ހިމެނެއެވެ.


މީގެއިތުރުން ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއާއި ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާއާއި ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ، ފީޗަރ ރިޕޯޓުގެ ދާއިރާ، ތާރީޚާއި ސަގާފަތުގެ ދާއިރާ ވެސް ހިމެނެއެވެ.


ދިވެހި ނޫސްވެރިންނަށް ހިތްވަރުދީ، ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑު ހިފަހައްޓައި، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުމުގެ ގޮތުން ދޭ މި އިނާމުގައި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާއާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ ވެސް ހިމަނާފައި ވެއެވެ. އަދި އޯޑިއޯ ޖާނަލިޒަމްއާއި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމާއިި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ވެސް ހިމެނެއެވެ.


މީގެއިތުރުން އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމާއި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު ވެސް މިއަހަރު ދިނުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު