ބިދޭސީންނަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލޭގައި

1 month ago

އަފްރާހް

ހުޅުމާލެ ޖޭއެމްސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.


ހުޅުމާލެ އަވައްޓެރި ފުލުހުން މިރޭ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ބިދޭސީން ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތަފާތުއެކި މައުލޫމާތުދީފައިވެއެވެ.


އެގޮތުން، ރާއްޖޭގައި ހެދިފައިވާ ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.


މީގެއިތުރުން، ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިރުޝާދުދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.


މި ހަރަކާތުގެ ތެރެއިން، އެ ސައިޓުގައި އެވަގުތުތިބި ގިނައަދަދެއްގެ ބިދޭސީންނަށް މައުލޫމާތުދީފައިވެއެވެ. މައުލޫމާތުދީފައިވަނީ، އެ ސައިޓުގައި އާންމުކޮށް އެ ބިދޭސީން ވާހަކަދައްކާ ބަސްކަމުގައިވާ ހިންދީ ބަހުންނެވެ.


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ފުލުހުންދަނީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު