3 months ago
2022 – 2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރި ކޮށްދެއްވަވައިފިއެވެ.
މަތީ ޘާނަވީއާއި، ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް ކުރިއަށްދިޔަ މި ހަފުލާ ބާއްވާފައިވަނީ ސެޕްޓެމްބަރ 12 ވީ ބުރާސްފަތި ދުވަހުއެވެ.
މިއީ މި ރަސްމިއްޔާތުގެ ތިން ދަންފަޅިވެސް (ހެނދުނު، މެންދުރުފަސް، ރޭގަނޑުގެ ދަންފަޅި) ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވާ ފުރަތަމަ ފަހަރުކަމުގައި ވާތީ، މިއީ މިރަސްމިއްޔާތަށް ލިބިގެންދާ ވަރަށް ފުރިހަމަކަމަކާ ހާއްސަކަމެކެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މި ރަސްމިޔާތުގެ ތިންވަނަ ދަންފަޅީގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ގައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިފަހަރު އިނާމު ލިބޭ 441 ދަރިވަރުންނަށް ގައުމީ ފެންވަރުގައި ޝަރަފްދިނުމަށް އިއްޔެ ހެނދުނުން ފެށިގެން ރެއާ ހަމަޔަށް ކުރިއަށްދިޔަ ތިން ރަސްމިއްޔާތުގައި ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަކީ، ތަޢުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައަމިއްޔަތުގެ ހެއްކެކެވެ.
މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށްގެންނެވެ. އަދި ދަރިވަރުންނަށް ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ.
އެެހެންނަމަވެސް މިކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް ރައީސް ވަނީ މިފަހަރު ހަމަޖައްސަވާފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށް ވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް އެމަނިކުފާނު ވަނީ އިރުޝާދުދެއްވާފައެވެ.
ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ، ކޮންމެ ދަރިވަރަކަށް އިސްލާމްދީނާ، ރިވެތި އަޚްލާޤާ، ޤައުމިއްޔަތު އުނގަންނައިދީ، ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށް ރައީސް ގެންދަވަނީ ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުންނެވެ.