އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ފަށަނީ

5 months ago

އަފްރާހް

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ފެށުމަށް ނިންމައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ތިބި އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްރަށްވެހިންގެ ނާދީން އެ މިނިސްޓްރީ އާއެކު މަޝްވަރާކުރެއްވުމުގެ ބައްދަލުވުމެއް މޭ 22 ވަނަ ދުވަހު ބާއްވާފައިވާ ކަމަށެވެ.


އެ މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި ދެފަރާތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި މިމަޝްވަރާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާއި ކޮންޓެންޓާއި މަގްސަދުތަކާބެހޭގޮތުން ކަމަށް ވިދާޅުވިއެވެ.


އެގޮތުން އެފަރާތްތަކާ މަޝްވަރާކުރުމުން ދީނީ ޕްރޮގްރާމްތަކެއް ނާދީގައި ކޮންމެ މަހަކު ވެސް ކުރިއަށް ގެންދިއުމަކީ ވަރަށް އެދޭކަމެއް ކަމުގައި ފާހަގަކޮށްފައިވާތީ، ކޮންމެ މަހަކު ވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް އިސްރަށްވެހިންގެ ނާދީން ވަނީ ހުށަހަޅާފައެވެ.


މިގޮތުން އިސްލާމިކް މިނިސްޓްރީން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތައް، ދީނީ ކުއިޒް މުބާރާތް، ޤުރްއާން މުބާރާތް ފަދަ ދީނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސް އޭގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. މިގޮތުން މިބޭއްވޭ ސެޝަންތަކުން ލިބޭ ފީޑްބެކް ބޭނުންކޮށްގެން އިސްރަށްވެހިންގެ މުޖުތަމައުގެ ބޭނުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފައެވެ.


އިސްލާމިކް މިނިސްޓްރީ އާއި "އިސްރަށްވެހިންގެ ނާދީ" ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ރޫހާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް އެޅި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.


އިސްރަށްވެހިންގެ ނާދީއަކީ އުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖްތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތަނެކެވެ.


ކިޔުންތެރިންގެ ހިޔާލު