2 hours ago
ހުޅުމާލެ ފޭސް 2ގައި ހުންނަ ދެ ޓްރާންސްފޯމަރަށް ގެއްލުންދިނީ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެއް ކަމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީ މިފަދައިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހައި ވޯލްޓޭޖް (އެޗްވީ)ގެ ދެ ޓްރާންސްފޯމަރަށް ގެއްލުންދީފައިވާތީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވިދާޅުވީ އެކަމުގެ ސަބަބުން ކަރަންޓު ކެނޑިގެންދިޔަ ކަމަށާއި ވަށައިގެން ފާރު ރާނާ، ޑަބަލް ލޮކްކޮށްފައި ހުންނަ ތަނަށް ވަދެ ޓްރާންސްފޯމަރުތަކަށް ގެއްލުން ދިނީ ތަޅުތަކަށް ގެއްލުން ދިނުމަށްފަހު ކަމަށެވެ.
މީގެއިތުރުން އެޗްވީގެ ސްވިޗުތައް ނިއްވާލާފައި ހުރި ގޮތުން އެކަން ކޮށްފައިވަނީ ޓްރާންސްފޯމަރު ސިސްޓަމްތަކާއި އޭގެ އޮޕަރޭޝަންގެ ޓެކްނިކަލް މައުލޫމާތު އެނގޭ ބައެއްކަން އެނގޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޑީ ވަނީ ޓްރާންސްފޯމަރު ފަދަ ނުރައްކާތެރި އިންފްރާންސްޓްރަކްޗަރތަކަށް ގެއްލުން ދިނުމަކީ އެކަން ކުރާ މީހާ ކަރަންޓުގައި ޖެހި، ސީރިއަސް އަނިޔާވުމާއި މަރުވުން ފަދަ ނުރައްކާތައް ކުރިމަތިވެދާނެ ކަމެއްކަން ވެސް ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ކުރިމަތިނުވާނެ ފަދަ ގޮތަކަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.