3 months ago
ފުދުންތެރި އާބާދީއެއް ބިނާކުރުމަކީ އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަންފާތައް ލިބިގެންދާނެ ސިޔާސަތެއްކަމުގައި ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ އިންޑޮނޭޝިއާގެ ބާލީގައި ކުރިއަށްދާ "ރީޖަނަލް ކޮންފަރެންސް އޮން ޕޮޕިއުލޭޝަން އޭޖިން" ގައި ކުރިއަށް ދިޔަ "ރީ-ފްރޭމިން އޭޖިން ހައި ލެވެލް ޕެނަލް ޑިސްކަޝަން" ގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަ ބިނާކުރެއްވީ ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި އެއާއި ގުޅިގެން ދެމެހެއްޓެނިވި ތަރައްގީއަށް ކުރާނެ އަސަރުތަކުގެ މައްޗަށެވެ.
އެގޮތުން ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ވިދާޅުވީ ރާއްޖޭގެ އާބާދީ ދޮށިއުމުގެ އާބާދީއަކަށް މިސްރާބުޖަހައި، އާބާދީއަށް ބޮޑު ބަދަލުތަކެއް ބާރު ދުވެލީގައި އަންނަމުންދާއިރު، ދެމެހެއްޓެވިނި ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އާބާދީއަށް އަންނަ ބަދަލުތަކަށް ރިއާޔަތް ނުކުރެވިއްޖެނަމަ، އެއީ އިގްތިސާދީގޮތުންނާ އިޖްތިމާއީގޮތުން އެކިވަރުގެ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށެވެ.
އެއާއެކު ރާއްޖޭގެ އާބާދީއަށް މި ބަދަލުތައް އަންނަމުންދާކަން ދެނެގަނެ، ދުރު ރާސްތާއަށް ވިސްނައި، އާބާދީގެ ސިއްހީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި ދޮށީ އުމުރުގެ އާބާދީއާއި ރައްޓެހި އުމްރާނީ ތަރައްގީގެ ސިޔާސަތު އެކަށައެޅުމާއި، ޖީލުގެ ތަފާތުތަކާއި ފަރަގު ކުޑަކުރުމާއެކު އެންމެން ޝާމިލުވާ ދުޅަހެޔޮ މުޖުތަމައަކަށް ރާއްޖޭގެ އާބާދީ ބައްޓަންކުރުމުގެ މަގްސަދުގައި ގައުމީ "އޭޖިންގ ޕޮލިސީ" އެއް އެކަށައެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އާބާދީއަށް އަންނަ ބަދަލުތަކާއިއެކު ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުތައް ބިނާކުރުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ސިއްހީ ދާއިރާ އަދި އިގްތިސާދަށް ދިމާވާނެ ގޮންޖެހުންތައް ފަދަ ތަފާތު އިޖުތިމާއީ މައްސަލަތަކަށް ރިއާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލައްވާފައެވެ.
މިނިސްޓަރުގެ ވާހަކައިގާ "އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް" ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ދުޅަހެޔޮ ދޮށީއުމުގެ އާބާދީއަކަށް މަގުކޮށައިދޭނެ، ފުދުންތެރި އާބާދީއެއް ބިނާކޮށް، އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަންފާތައް ލިބިގެންދާނެ ސިޔާސަތެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
އެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި އުމްރާނީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރެވޭ ތަފާތު މަސައްކަތްތަކާއި ހިންގާ ތަފާތު ޕްރޮޖެކްޓުތައް އެއްކީލަވާނެހެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ކުރަމުން މިހާރު ވެސް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ރަނގަޅު ނަތީޖާ ދުރު ރާސްތާއަށް ބަލައި ފެނިގެންދާނެކަމުގެ ޔަގީންކަން އޮތްކަމަށް ވަނީ ވިދާޅުވެފައެވެ.
އާދަމް
ފުދުންތެރި ޢާއިލާ އުފައްދަން ބޭނުންކުރާ އެއްޗަކީ ދައުލަތް ކައި ހުސްކުރުންކަމުގައި ހެދުމަކީ ހިތާމަ ކުރަން ޖެހޭނެ ކަމެއް
3 months ago