ދުނިޔޭގެ ހަޔާތުގައި އިންސާނާ، ބަލިމަޑުކަމާ ކުރިމަތިލާން ޖެހުމަކީ އިމްތިހާނެއް

1 month ago

އަފްރާހް

ދުނިޔޭގެ ހަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަގީރުކަމާ ކުރިމަތިލާންޖެހުމަކީ މާތްރަސްކަލާނގެ ސުންނަތެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.


ހުތުބާގައި ބުނީ މާތްރަސްކަލާނގެއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މިކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައިކަމަށެވެ.


އެކަންކަން އެގޮތުގައި ހިނގަމުންދަނީ މާތްރަސްކަލާނގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށް ފަހު، ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަގީންކުރާތީކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.


އެެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ، ފެޔަށް ޖެހުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައި ވެއެވެ.


މީގެއިތުރުން ހުތުބާގައި ވަނީ ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަމުންދާކަމީ ހިތާމަވެރިކަމެއް ކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު